11 Oct 2011, 11:29
ލައްކައަކަށް ވުރެ ގިނަ ރުފިޔާއާ އެކު ނ. މާފަރު އިންޖީނުގޭގެ ތިޖޫރީ ބަޔަކު ވަގަށް ނެގުމަށް ފަހު ވަޅުލާފައި އޮއްވައި ހޯދައިފައި އެވެ.
މާފަރު ކައުންސިލް އިދާރާ އިން ބުނީ ރޭ 8:00 ޖަހާއެހާކަންހާއިރު ތިޖޫރީ ވަގަށް ނަގާފައި ވަނީ އިންޖީނުގޭގައި ޑިއުޓީ އަށް ހުރި މީހާ ކާން ދިޔަ ވަގުތު އިންޖީނުގޭގެ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.
ޔުޓިލިޓީޒް އިން މާފަރުގައި ހިންގާ އިންޖީނުގޭގެ ތިޖޫރީ ވަގަށް ގެންދިޔައިރު ތިޖޫރީގައި 100،000 އަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ސަން އަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
ރަށުގެ އެކަހެރި ސަރަހައްދެއްގައި ހުންނަ އިންޖީނުގޭގެ ތިޖޫރީ ބަޔަކު ވަގަށް ގެންގޮސް ވަޅުލާފައި ވަނިކޮށް އެ ރަށު ރައްޔިތުންނަށް ތިޖޫރީ ފެނިފައި ވަނީ މާފަރު އަތިރިމަތީ ގޮނޑު ދޮށުގައި ހިސާބުގައި ވަޅުލާފައި ވަނިކޮށް ކަމަށް މާފަރު ކައުންސިލް އިދާރާއިން ބުންޏެވެ. ނަމަވެސް ތިޖޫރީން އެއްވެސް ވަރަކަށް ފައިސާ މަދުވެފައި ހުރިކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފެއްނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތިޖޫރީ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.