24 Feb 2019, 21:42
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ރައީސް ޔާމީން ހިންގާފައިވާ ޖަރީމާތައް ބަލާ ނިމޭއިރު 100 އިން ގުނާލެވޭ ވަރަށް ޔާމީންގެ މައްޗަށް ހުކުމް އަންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ސަން އާ ވާހަކަ ދައްކަވަމުން މަހުލޫފު މިރޭ ވިދާޅުވީ ރައީސް ޔާމީންގެ ކޮރަޕްޝަނުގެ މައްސަލައިގެ އިތުރުން މަޖިލީހަށް ނުފޫޒު ފޯރުވުމާއި، ކޯޓުތަކަށް ނުފޫޒު ފޯރުވުން އަދި އަނިޔާވެރިވުމުގެ މައްސަލަތައްވެސް ބަލަންޖެހޭނެ ކަމަށާއި އެ މައްސަލަތައް ބަލައި ނިމޭއިރު 100 އިން ގުނާލެވޭ ވަރުގެ ހުކުމް ރައީސް ޔާމީންގެ މައްޗަށް އަންނާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި، ހިޔާނާތުގެ ފައިސާ މަހުލޫފުގެ އެކައުންޓަށް ޖަމާވިކަމަށް ބުނެފައިވާތީ މައްސަލަ ބަލާ ނިމެންދެން ގޭގައި މަޑުކުރައްވަން ރައީސް ސޯލިހު ވަނީ މަހުލޫފަށް އަންގަވައިފައެވެ. މަހުލޫފު ވިދާޅުވެފައިވަނީ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށާއި ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު ގޯހެއް ހެދިފައިވާކަން ސާބިތުވެއްޖެނަމަ އިސްތިއުފާ ދެއްވާނެކަމަށެވެ.
ކުރީގެ ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްޔަރު ކޮށް ބެހެއްޓި "ގޮޅިއަށް ޔާމީން ނުލިކަމަށް ޝުކުރު އަދާކުރުން ރަނގަޅު" ކަމަށެވެ.
އެ ޓްވީޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ ކޯޓުން ހުކުމް ކޮށްފައިވަނީ ރައީސް ޔާމީނުގެ މަނީ ލޯންޑްރިންގެ މައްސަލަ ބަލާ ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ކަމަށާއި ރިމާންޑު ޖަލަކީ ދޫނިދޫ ޖަލު ކަމަށެވެ.
ދޫނިދޫ ޖަލުގައި މިހާރުގެ ރައީސް ސޯލިހު ބަންދުކޮށްފައި ހުރީ "ކޮންކްރީޓް ގޮޅިއެއްގެ ތެރޭގައި. އަށިމަތީ ނިންދަވައިގެން، ފާހާނަ ތައްޓަށް ކައިފަ ތަށި ދޮވެގެން" ކަމަށާއި އެ ގޮޅިއަކީ "ފެންވަރަން ހުންނަ އިރު ބޭރުންދާ މީހުންނަށް އެތެރެ ފެންނަގޮތަށް" ހުންނަ ގޮޅިއެއްކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.
ރައީސް ޔާމީން ދޫކޮށްލުމަށް އެދި ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރުން މިއަދު ރައީސް ސޯލިހާ ބައްދަލުކުރައްވާފައިވާއިރު މަހުލޫފު ވަނީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ.
"ހަފްތާ އެއްވާއިރަށް ޔާމީން ދޫކޮށްލާށޭ ކިޔާ، ދިޔައިރު ޝުކުރު އަދާކުރުން ރަނގަޅު ރައީސް ސޯލިހް ބޭއްވި ތަނުގައި ޔާމީން ނުބޭއްވިކަން. ރިމާންޑު ޖަލެއްގައި ނަމަ އޭރު ރައީސް ސޯލިހު އޮންނެވި ތަނުގައިވެސް ޔާމީން ބޭއްވުނީސް،"
މަހުލޫފު ވިދާޅުވީ ރައީސް ޔާމީން އަށް އެ ގޮޅީގައި ކެތް ނުކުރެއްވޭނެ ކަމަށެވެ.
ރައީސް ޔާމީނު ހައްޔަރު ކުރުމުން އެމަނިކުފާނުގެ ދިފާއުގައި ބައިނަލްއަގުވާމީ އެއްވެސް އިދާރާއަކުން އަދި ގައުމަކުވެސް އެއްޗެއް ނުބުނާ ކަމަށާއި އެއިން ދޭހަވަނީ ޔާމީންގެ ވެރިކަމުގައ ގައުމުތަކާ އެކު އޮތް ގުޅުން ހީނަރުވިކަން ކަމަށް މަހުލޫފު ވިދާޅުވިއެވެ.
"ޔާމީން ސަރުކާރުގައި ހުރިހާ އެންމެން ޖަލަށް ލައިގެން އުޅުނު އިރު އެމީހުން ދޫކޮށްލަން ގޮވާލާ އަޑު ނުކެނޑޭ. ދުނިޔޭގެ ގައުމުތަކުންވެސް ދިޔައީ އެމީހުން ދޫކުރުމަށް ގޮވާލަމުން،" މަހުލޫފު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އެއްވެސް އިދާރާއަކުން ރައީސް ޔާމީން ޖަލުން ސަލާމަތްކުރުމަށް މަސައްކަތް ނުކުރާނެ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހަކު ނުހައްގުން ޖަލަށް ނުލާނެ ކަމަށެވެ. ފުލުހުންގެ ވެހިކަލުގެ ފުރޮޅު ދަށަށް ގަލެއް ލައިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ފުލުސް އޮފީހަށް ހާޒިރު ކުރި މައްސަލައަށް އިޝާރާތް ކުރައްވާ މަހުލޫފު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މީހަކު އެފަދަ ކަމެއް ކުރިނަމަ ޓެރަރިޒަމްގެ ދައުވާ ކުރާނެ ކަމަށެވެ.
"ނިހާން ހައްޔަރު ނުކުރީމާ އެބައެނގޭ ސަރުކާރުން އަނިޔާވެރިނުވާނެ ކަން،" މަހުލޫފް ވިދާޅުވިއެވެ.