24 Feb 2019, 21:03
ގާހިރާ (ފެބްރުއަރީ 24): މިސްރުގެ ޝަރްމުއްޝައިޚުގައި މިއަދު ފެށި އަރަބި ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ގައި އަރަބި 22 ގައުމުގެ ތެރެއިން އެގާރަ ގައުމުގެ އިސްވެރިން ބައިވެރިވެ ވަޑައި ނުގަންނަވާކަމަށް މިސްރުގެ މީޑިޔާއިން ބުނެފިއެވެ.
އަރަބި ލީގާ ހަވަލާދީ މިސްރުގެ މީޑިޔާ ބުނާގޮތުން އެ ސަމިޓްގައި މޮރިޓޭނިޔާ، މޮރޮކޯ، އަލްޖަޒާއިރު، ލުބްނާން، އުރުދުން، ގަތަރު، ސޫދާން، ޔޫއޭއީ، އުމާން އަދި ކޮމޯރޯސް ގެ އިސްވެރިން ބައިވެރިވެ ވަޑައި ނުގަންނަވައެވެ. އަދި އަރަބި ލީގުން ސޫރިޔާ ސަސްޕެންޑް ކޮށްފައިވާތީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުވެސް މިސަމިޓްގައި ބައިވެރިވެ ވަޑައިނުގަންނަވައެވެ.
މި އެގާރަ ގައުމުގެ ތެރެއިން ސޫރިޔާ ފިޔަވައި އެހެން ގައުމުތަކުން ބައިވެރިވެ ވަޑައިގެންފައިވަނީ ބޮޑުވަޒީރުންނާއި ނައިބު ރައީސުންނާ އަދި ޚާރިޖީ ވަޒީރުންގެ ލެވެލްގެ ބޭފުޅުންނެވެ.
މިއީ އަރަބި ލީގާއި ޔޫރަޕްގެ އިއްތިޙާދު ގުޅިގެން ބާއްވާ އަރަބި ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކުގެ އިސްވެރިންގެ ފުރަތަމަ ސަމިޓެވެ. މިސަމިޓްގެ ބޭނުމަކީ އަރަބި ގައުމުތައް ދާޚިލީ ހަނގުރާމަތަކުންނާއި ހަމަނުޖެހުންތަކުން ސަލާމަތް ކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމާއި ޔޫރަޕާއި އަރަބި ގައުމުތަކުގައި ދާޚިލީ ހަމަޖެހުން ގާއިމް ކުރުމަށްޓަކައި އިންވެސްޓްކުރުމާއި އިގްތިސާދީގޮތުން ޔޫރަޕާއި ޔޫރަޕްގެ އަވަށްޓެރި އަރަބި ދުނިޔެ ގުޅުވާލުމަށް މަސައްކަތް ކުރުމެވެ.
"އިންވެސްޓިންގް އިން ސްޓޭބިލިޓީ" ގެ ނަމުގައި ބާއްވާ މިސަމިޓް ދެދުވަހުގެ މުއްދަތަށް ގާހިރާގައި ކުރިޔަށްދާނެއެވެ. މިސަމިޓްގައި ޔޫރަޕްގެ އިއްތިޙާދުގައި ހިމެނޭ ހަތާވީސް ގައުމު ބައިވެރިވެއެވެ. އަދި މީގެތެރެއިން 23 ގައުމެއް ތަމްޘީލް ކުރައްވަނީ އެގައުމުތަކުގެ އިސްވެރިންނެވެ. ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ތަމްޘީލް ކުރަނީ ޔޫރަޕްގެ އެންމެ ހަތަރު ގައުމުންނެވެ. އެއީ ފަރަންސޭސިވިލާތާއި ސްޕޭނާއި ލިޓުއޭނިޔާއާއި ލެޓްވިއާއެވެ. މިސަމިޓަށް ތައްޔާރުވުމުގެ ގޮތުން އަރަބި ޚާރިޖީ ވަޒީރުންނާއި ތަޖްރިބާކާރުންގެ ލެވެލްގައި ބްރަސަލްސް ގައާއި ގާހިރާގައި ބައްދަލުވުންތައް ބާއްވާފައިވެއެވެ.
މިސަމިޓް އިފްތިތާހް ކޮށްދެއްވީ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އެވެ. މިސްރުގައި މިދިޔަ ހަފްތާގައި 9 މީހަކު ދަންޖައްސައި މަރާފައިވާއިރުވެސް ޔޫރަޕްގެ ލީޑަރުން އެކަން ކުށްވެރި ނުކުރައްވައި މިސްރަށް ވަޑައިގެން ރައީސް އަބްދުލްފައްތާޙް އައްސީސީ އާއެކު ސަމިޓް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ޔޫރަޕުން ގެންގުޅެނީ ދެފުއްދެގޮތް ސިޔާސަތެއްކަމަށް ބުނެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ގެންދަނީ ޔޫރަޕްގެ ލީޑަރުންނަށް ފާޑުކިޔަމުންނެވެ. (ނޫސްއެޖެންސީތައް)