މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދޭތީ ބަންގްލަދޭޝް އަށް ނިސްބަތްވާ ބިދޭސިންތަކެއް ގަލޮޅު ވިލީ ފުލުހަށް ހިނގައްޖެއެވެ.

ފުލުހުން ބުނީ މިއަދު 17:46 ހާއިރު 56 ބިދޭސީއަކު ވިލީ ފުލުހަށް ގޮސްފައިވާ ކަމަށާއި އެމީހުންގެ ޝަކުވާ އަކީ މުސާރަ ނުދޭ މައްސަލަ ކަމަށެވެ. އެ ބިދޭސިންނަކީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ ބައެއް ކަމެއް ސާފެއް ނުވެއެވެ.

މުސާރަ ނުދޭ މައްސަލަ ޖެއްސުމަށް ފުލުހަށް ދިޔުމުން މައްސަލަ ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށް ހުށަހެޅުމަށް އެ މީހުންނަށް އިރުޝާދު ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ބިދޭސިންނަށް މުސާރަ ނުދޭ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސިންގެ ބޮޑު އިންސައްތައަކީ ބަންގްލަދޭޝް މީހުންނަށްވާއިރު އެމީހުންނަށް އެކަށީގެންވާ މުސާރައަކާއި ބޯހިޔާވަހިކަން ފޯރުކޮށްނުދޭ މައްސަލައަކީވެސް ބޮޑު މައްސަލައެކެވެ.

ރާއްޖޭގައި ލައްކަ އަކަށްވުރެ ގިނަ ބިދޭސިން ވޯކް ވިސާގައިއުޅޭއިރު އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 63000 އަށްވުރެ ގިނަ ބިދޭސިންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުންނެވެ.