ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އިޖުތިމާއީ ގިނަ މައްސަލަތައް އުފެދުމުގެ އެއް އަސްލަކީ ވެސް މިއީ ކަމަށް ދިރާސާވެރީން ވިދާޅުވެއެވެ. އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތައް ކުރިލައިހެދި، މުޖުތަމައު މިވަނީ ބޮއްސުން ލައިފައެވެ.

ޒަމާނުއްސުރެ ރާއްޖެ ތަރައްގީވަމުން ގޮސްފައިވާގޮތުން، ހުރިހާ ހިދުމަތެއް ގާއިމްވެފައި މިއޮންނަނީ ވެރިރަށް ފުރަ މާލޭގައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން އެތައް ހާސް ބަޔަކު މާލެއަށް ހިޖުރަކޮށް މާލެ މިވަނީ ކޮޅަކަށް ޖެހިލާނެ ތަންކޮޅެއް ނެތް މިންވަރަށް ތޮއްޖެހިފައެވެ. މިއާއެކު މާލޭގައި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑު ވަނީ އަތް ނުފޯރާފަށަށް އުފުލިފައެވެ.

މާލޭގައި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑާއެކު މާލޭގައި ގެދޮރު ހުރި މާލޭގެ ފޯރާ ރައްޔިތުން ދަނީ އެމީހުންގެ ގޯތިތައް ބުރިބުރިއަށް ހިއްލައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ބޮޑު އަގުގައި ކުއްޔަށް ދެމުންނެވެ. މާލޭގެ ރަށްވެހިންގެ ތެރޭގައިވެސް ބޯހިޔާވަހިކަމެއް ނުލިބި ތިބި އެތައް ބަޔަކު އެބަތިއްބެވެ. ގެއިން ލިބޭ ތަންކޮޅު ކުޑަކަމުން އާއިލާއާ އެކު އެތަންކޮޅުގައި އުޅެން ދަތިވެފައި ތިބި މީހުންވެސް އެބަތިއްބެވެ.

ފެބްރުވަރީ 2، 2019: ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ހުޅުލޭ ފަޅުން ބައެއް ހިއްކައި ހުޅުމާލޭގެ ގޮތުގައި ތަރައްގީ ކުރަން ފެށުނެވެ. ގާތްގަނޑަކަށް 15 އަހަރު ވީއިރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ސޯޝަލް ހައުސިންގެ ގޮތުގައި އެތައް ސަތޭކަ ފްލެޓެއް ވަނީ ދޫކޮށްފައެވެ. ބިން ބޭނުންވާ މީހުންނަށް ބިން ދޫކޮށް ވިއްކާފައިވެއެވެ. ހައްތަހާވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ސޯޝަލް ހައުސިން އަށް ކަނޑައެޅިފައިވާ ބިންތައް ހުސްވެ، ދެވަނަ ފިޔަވަހި ތަރައްގީކޮށް 7000 ހައުސިން ޔުނިޓު ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އާ ސަރުކާރުން ވަނީ އިތުރު 4000 ހައުސިން ޔުނިޓު އަޅާނެކަންވެސް އިއުލާނުކޮށްފައެވެ.

ނިމިދިޔަ ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް "ހިޔާ" ގެ ނަމުގައި އިފްތިތާހުކޮށް، އެ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބޭނެ ފަރާތްތައް ކަނޑައަޅައި އިއުލާނު ކޮށްފައެވެ.

ހުޅުމާލޭގައި ހުރި ފްލެޓުތަކެއް -- ސަން ފޮޓޯޯ

ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރު އެނގެނީ ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުންނެވެ. ދެ މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު ފޯމު ދޫކުރަން ފެށި ދުވަހު ވެސް ހިޔާ މަޝްރޫއުގެ ފޯމު ނެގުމަށް އެތައް ހާސް ބަޔަކު ކިއުގައި ޖެހުނެވެ. އެކަކު އަނެކަކު ކޮއްޕައި ހަދަމުން ފޯމު ދޫކުރާ މޭޒާ ހަމައަށް ދިޔައީ އަވަހަށް ފޯމުލައި، އަވަހަށް ފްލެޓު ލިބޭތޯއެވެ. ގިނަ ކެޓަގަރީ ތަކަކަށް ބަހާލައި، ކޮންމެ ކެޓަގަރީއަކުން ވަކި އަދަދަކަށް ފްލެޓު ދޫކުރާތީ، ކޮންމެވެސް ކޮޅެއްގައި ލައްވާލާތޯއެވެ.

އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށް ފޯމު ބަލައިގަތުން ނިންމާލިއިރު 22،000 އަށް ވުރެ ގިނަ މީހުން ވަނީ ފްލެޓަށް ފޯމު ލައިފައެވެ.

ސަރުކާރު ނިމި އާ ސަރުކާރު ވެރިކަމާ ހަވާލުވެ، ކުރީ ސަރުކާރުން ކޮށްފައިވާ ކޮރަޕްޝަން އެކުލެވޭ ކަންތައް ބަލަން ފެށިއެވެ. ފްލެޓު ދޫކޮށްފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހުންތައް އުޅޭތީ އެ މައްސަލަ ބެލުުމަށް ކޮމެޓީ އެއް އެކުލަވާލައި، ފްލެޓު ދޫކޮށްފައިހުރި ގޮތް ބަލަން ވަނީ ފަށައިފައެވެ.

ފްލެޓު ލިބޭނެ ކަމުގެ ލިޔުންލިބި، ފްލެޓަށް ވަދެވޭނެކަމުގެ އުއްމީދުގައި ތިބި އެތައް ހާސް ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ނުޖެހި ދިގުލައިގެން ގޮސްފައިވާއިރު، ފްލެޓުތަކުގެ ކަންތައް ބަލާ ކޮމެޓީ އިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ އެކު ފްލެޓަށް ފޯމުލީ އެތައް ބަޔަކު ވަނީ މާޔޫސްވެފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7000 ފްލެޓްގެ ކޮންކްރީޓް މަސައްކަތް ފެށުން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

އެ ކޮމެޓީ އިން މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ "ހިޔާ"ގެ ދަށުން ދޫކުރާ ފްލެޓުތަކަށް އެދި ރައްޔިތުން ހުށަހެޅި ފޯމުތައް ހުރީ ހައުސިން މިނިސްޓްރީގެ އެކި ތަންތަނަށް "އުކާފައި" ކަމަށާއި އެއްވެސް ތަރުތީބެއް ނެތް ކަމަށެވެ. މިނިސްޓްރީގެ ގުދަންތަކުންވެސް ފޯމު ފޮށިގަނޑުތައް ފެންނަމުންދާ ކަމަށް ކޮމެޓީ އިން ބުނެފައިވެއެވެ.

"ކުއްލި ކުއްލިއަށް ވެސް ބައެއް ކަހަލަ ޑޮކިއުމެންޓުތައް އަޅުގަނޑުމެންނަށް ފެންނަމުންދަނީ. އޭގެ މާނައަކީ ބައެއް ޑޮކިއުމެންޓުތައް ބައެއް ޑޮކިއުމެންޓުތައް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެސް ސެކިއޯ ކުރުމަށްފަހު ވެސް ވަރަށް ބައިވަރު އިތުރު ފޯމުތައް ފޮށިފޮށި ގަނޑަށް އަޅާފައި ހުއްޓާ ފެންނަމުންދާކަން،" ކޮމެޓީގެ ނައިބު ރައީސް އަހުމަދު ތޮލާލް ވިދާޅުވިއެވެ.

މިއާއެކު ބައެއް ރައްޔިތުންގެ ހިތުގައި އުފެދުނު ސުވާލަކީ ތިމަންނަ ލީ ފޯމަށް ވެފައި އޮންނާނީ ކިހިނެއްތޯ އެވެ. އަނެއްކާ ޕްރޮސެސް ކުރި ފޯމުތަކުގެ ތެރޭގައި ތިމަންނަގެ ފޯމު ހިމެނޭނެތޯއެވެ. ފްލެޓު ނުލިބުނީ އުކާފައި ހުރި ފޯމުތަކުގެ ތެރޭގައި ތިމަންނަގެ ފޯމު ހިމެނޭތީ ބާއޭ އެވެ.

ފްލެޓު ކޮމެޓީ އިން ނިންމާފައިވަނީ ފްލެޓު ދިން ގޮތާމެދު ރައްޔިތުންގެ ޝަކުވާއަށް ހުޅުވާލުމަށެވެ. ހުށަހެޅޭ ޝަކުވާތަކަށް ބަލައި، ކޮމެޓީގެ އިވެލުއޭޝަންތަކާ ޝަކުވާތަކާ އަޅާކިޔައި ފްލެޓު ލިބުނީ އެންމެ ހައްގު މީހުންނަށްތޯ ކަށަވަރު ކުރެވޭނެ ކަމަށް ކޮމެޓީ އިން ވަނީ ބުނެފައެވެ.

މެއި 6، 2018: ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައި ފުލެޓްތަކަށް ކުރިމަތި ލުމަށް ފޯމު ދޫކުރަން ދަރުބާރުގޭގައި ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަކުވާތަކަށް ބަލައި ކޮމެޓީ އިން އެކުލަވާލާ ރިިޕޯޓުގައި ނުހައްގުން ފްލެޓު ލިބުނީ ކިތައް މީހުންނަށްތޯ އަދި ހައްގުވާމީހުންގެ ތެރެއިން ފްލެޓު ނުލިބި ތިބީ ކިތައް މީހުންނަށް ތޯ ބަޔާން ކުރާނެއެވެ.

"އަދި ފައިނަލް ރިޕޯޓުގައި. ރައީސް އަށް އަރުވާ ރިޕޯޓުގައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިވެނި އަދަދަކަށް ނުހައްގުން މީހުންނަށް ފްލެޓު ލިބިފައި އެބަހުއްޓޭ. އޭގެ ބަދަލުގައި މިސާލަކަށް އަޅުގަނޑުމެންނަށް ހުށަހެޅި މީހުންގެ ތެރެއިން މިވެނި މިވެނި މީހުންނަކީ ފްލެޓު ލިބުން ހައްގުވާ އެކަމަކު އެމީހުންނަށް ފްލެޓު ނުލިބިވާ މީހުންނޭ." ފްލެޓު ކޮމެޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލް ވިދާޅުވި އެވެ. ފްލެޓު ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރި ގޮތެއްގައި ފްލެޓު ދިނުމަށް ކަންކުރަންވީ ގޮތުގެ ލަފާ ވެސް ރައީސް އަށް އަރުވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތަކަކީ މި އަހަރުގެ މެއި ނުވަތަ އޭޕްރީލް ހިސާބުގައި ވެރިފަރާތާ ހަވާލު ކުރެވޭ ވަރުވާނެ ކަމަށް މީގެ ކުރިން ނިމިދިޔަ ސަރުކާރުން ބުނެފައިވާ ފްލެޓުތަކެކެވެ. ނަމަވެސް ސަރުކާރު ބަދަލުވުމަށްފަހު، މަސައްކަތް ދިގުލައިގެންގޮސް ފްލެޓު ލިބުނު މީހުންގެ ތެރެއިން ފްލެޓަށް ވަދެވޭނީ ކޮންބަޔަކަށްތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ.

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މީގެ ކުރިން ވިދާޅުވެފައިވަނީ ފުލެޓް ލިބުނު ފަރާތްތަކާ މެދު ގޮތެއް ނިންމޭނީ ކޮމެޓީގެ މަސައްކަތް ނިމުމުން، ކޮމެޓީ އިން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.

ބޯހިޔާވަހިކަމަކީ މުޅި ގައުމުގެ ރައްޔިތުންނާ ގުޅިފައިވާ ހައްސާސް މައްސަލައެކެވެ. އުސޫލުން ބޭރުން ނުހައްގުން ބަޔަކަށް ފްލެޓު ލިބިފައިވާނަމަ، އެއީ އެކަމަށް އިންތިހާއަށް ބޭނުންވެފައިތިބި ރައްޔިތުންނަށް ވެވޭ ހިޔާނާތެކެވެ. އެ ރައްޔިތުންގެ ހައްގަށް އަރައިގަތުމެވެ.

ބޯހިޔާވަހިކަމުގެ ކޮންމެ މަޝްރޫއަކާއެކުވެސް އިވޭ ކޮރަޕްޝަނާ ނުހައްގުން މީހުންނަށް ފްލެޓު ލިބޭ ވާހަކަ މިފަހަރުވެސް މިވަނީ ފެންމަތިވެފައެވެ. މިއާއެކު ބޯހިޔާވަހިކަމަށް އެދިއެދި ތިބި އެތައް ހާސް ރައްޔިތުންނެއް މިހާރު ތިބީ އެ މީހުންގެ ދިގު އިންތިޒާރަށް އުއްމީދީ ޖަވާބަކާއެކު ނިމުމެއް އަންނާނެ ދުވަހަކަށް ބަލަބަލައެވެ.