24 Feb 2019, 18:02
މ. ޝޭޑީ ރެސްޓުގެ ފުރަތަމަ ފްލޯ އިން ވެއްޓުނު ވީލްޗެއާއެއްގެ ފުރޮޅު، މަގުމަތިން ހިނގާފައިދިޔަ ކުއްޖެއްގެ ބޮލުގައި ޖެހިއްޖެއެވެ.
ފުލުހުން ބުނީ ފުރޮޅުންޖެހި ކުއްޖާގެ ބޯ ދުޅަވެފައިވާ ކަމަށެވެ. މިއަދު މެންދުރު 14:36 ހާއިރު ގޭގެ މަތިން އެއްޗެއް ވެއްޓި ކުއްޖެއްގެ ބޮލުގައި ޖެހި އަނިޔާވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 15:09 ގައި ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ހަފްތާގެ އަންގާރަދުވަހު މަގުމަތިން ހިނގާފައި ދިޔަ އަންހެއްކުއްޖެއްގެ ބުރަކަށްޓަށް ދަނގަޑު ހޮޅި ޖޮއިންޓް ކުރާ، ބިޑިއެއް ވެއްޓި ވަނީ އަނިޔާވެފައެވެ.
މީގެ އިތުރުން އިމާރާތަކުން ވެއްޓުނު ކުނިކޮތަޅެއް މަގުން ދިޔަ ކުއްޖެއްގެ ބޮލަށް ވެއްޓުނު މައްސަލައެއްވެސް ވަނީ ދާދިފަހުން ފެންމަތިވެފައެވެ.
ހަދަމުންދާ އިމާރާތަކުން މިދިޔަ ޑިސެމްބަރު މަހު ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ބަންގުލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރޯޝަން ޖިއާން ވަނީ މަރުވެފަ އެވެ. އަދި ހުޅުމާލޭގައި ހަދަމުން ދިޔަ ގެއެއްގެ ފަސް ވަނަ ބުރިން ވެއްޓުނު ގަލަކުން ބޮލުގައި ޖެހުމުން ބަންގްލަދޭޝް މީހަކު ވެސް ވަނީ މަރުވެފަ އެވެ.