24 Feb 2019, 18:07
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) އިން ބާއްވާ ރާއްޖޭގެ ފުރަތަމަ ނޭޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މިއަދު އުރީދޫގައި ބޭއްވި ހަފްލާއެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މާޕްގެ ރައީސް ހުސައިން އަރީފެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން މުހައްމަދު ޝާހިދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ އެކްސްޕޯ އަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ އެ ކުންފުންޏަށް ލިބޭ ހާއްސަ އުފަލެއް ކަމަށާއި އުއްމީދުކުރަނީ އެކްސްޕޯގައި ބައިވެރިވާ ހުރިހާ އެންމެންނަށްވެސް ބޭނުންތެރި ތަޖުރިބާއަކަށް ވެގެންދާނެކަމަށެވެ.
"ވިޔަފާރީގެ ސްޓްރެޓެޖިކް ބައިވެރިއެއްގެ ގޮތުގައި އެޗްއާރުގެ ދައުރު ވަނީ އަދުގެ ދުނިޔޭގައި އިތުރަށް މުހިއްމުވެފައި. މިފަދަ ދަނޑިވަޅެއްގައި ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ހިއުމަން ރިސޯސް ވިއުގަ ބިނާކޮށް ކުރިއެރުވުމަށްޓަކައި ނެޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ ފަދަ ހަރަކާތްތައް ވަރަށްވެސް މުހިންމު،"
މާޕްގެ ރައީސް ހުސައިން އަރީފް ވިދާޅުވީ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖެއްސީ ރާއްޖޭގައި މަސައްކަތްކުރަން އެންމެ ފުރިހަމަ އެއް ކުންފުންޏަކީ އުރީދޫއަށް ވުމުން ކަމަށެވެ.
"ޕާޓްނާޝިޕްގެ ސަބަބުން އެމްއޭއެޗްއާރްޕީ އާއި އަޅުގަނޑުމެންގެ މެންބަރުންނަށް ވެސް ފައިދާކުރާނެކަމަށް އަޅުގަނޑު ގަބޫލުކުރަން."
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ/ އުރީދޫ
"ފިޔުޗާ އޮފް އެޗްއާރު އެންޑް ވޯކް" މި ތީމަށް ކުރިއަށް ގެންދާ މި ކޮންވެންޝަނުގައި ބައިވެރިވުމުގެ ފުރުސަތު މާޕްގެ މެންބަރުންނަށާއި، ރާއްޖޭގައި ހިޔުމަން ރިސޯސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަނީ މި ހަފްތާގެ ބުރާސްފައްޗާ ހަމައަށް ހުޅުވާލައިފައެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ކޮންވެންޝަން ކުރިއަށްދާނީ މާޗް މަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހުއެވެ.
ކޮންވެންޝަނުގެ ސްޕީކަރުންގެ ގޮތުގައި މީހުން ބިނާކުރުމުގެ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވާއިރު ކީ ނޯޓްް ސްޕީކަރުންގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުން ބައިވެރިވެ، ވާހަކަ ދައްކަވާނެއެވެ.
"ކޮންވެންޝަން ބާއްވަނީ 300 މީހުންނަށް އަމާޒުކޮށްގެން. މިހާރު 250އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ވެއްޖެ. އަދި ހަޔާ އެޑިއުކޭޝަން ސްކޫލުތަކަށް ހާއްސަކޮށް ވަކި ސްލޮޓްތަކެއް ހިލޭ އެބަހުރި،"
މި ކޮންވެންޝަނުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި މާޕްގެ މެންބަރުންގެ ގޮތުގައި އެއް އަހަރުވެފައިވާ މެންބަރުން ދައްކަންޖެހޭނީ 99 ޑޮލަރެވެ. މާޕް އާ އަލަށް ގުޅޭ މެންބަރުން 129 ޑޮލަރު ދައްކަން ޖެހޭއިރު އެހެނިގެން ފަރާތްތަކުން ދައްކަންޖެހޭނީ 149 ޑޮލަރުގެ ފީއެކެވެ. މާޕް އިން ބުނީ ގްރޫޕުތަކުންނާއި ކުންފުނިތަކުން ކޮންވެންޝަނުގައި ބައިވެރިވާނަމަ ހާއްސަ ޑިސްކައުންޓެއް ދޭނެ ކަމަށެވެ.