11 Oct 2011, 11:12
އެމެރިކާގެ ޓަކްސަން ވީކްލީގެ ޑޭން ގިބްސަން ލިޔުނު ރިޕޯޓްގެ ތަރުޖަމާ: މުހައްމަދު ނަސީމް
ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ ޓުވާލޫ އައިލެންޑްސް އިން މިދިޔަ ހަފުތާ ބަންދުގައި މީރުފެން ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ. އެއާއެކު ސަރަހައްދުގައި ބޮޑު ހާސްކަމެއް އުފެދި، އަވަށްޓެރި ގައުމުތަކުން ވަނީ އެގައުމަށް ވަރަށް އަވަހަށް ޑީސެލިނޭޝަން ޕްލާންޓްތައް ފޮނުވާފައެވެ.
އެހެން ޖަޒީރާ ގައުމެއް ކަމަށްވާ ކިރިބަތީ އިން ވެސް މީރުފެން މުޅިން ހުސްވުމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. ޓުވާލޫއާއި ކިރިބަތީގެ ރައްޔިތުން ކުރަމުންދާ މިތަޖުރިބާތަކުން ޔަގީންވާ ކަމަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ވާހައަކީ ހަގީގީ ވާހަކައެއް ކަމާއި އެކަމުގެ ސަބަބުން ކުދި ގައުމުތަކަށް ނޭދެވޭ އަސަރުކުރުމަކީ ހިޔާލީ ވާހަކަތަކެއް ނޫންކަމެވެ.
މި ދެގައުމަކީ ވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދެގައުމެވެ.
ޓުވާލޫއަށް ކުރިމަތިވި ފެނުގެ ދަތިކަމަކީ ސަރަހައްދުގައި އުފެދުނު "ލާނިވާ" ނަމަކަށް ކިޔާ މޫސުމީ ބަދަލެއްގެ ސަބަބުން ކުރިމަތިވި ހަނަފަސް ކަމުގައި ދިމާވި މައްސަލައެކެވެ. އެބަދަލުގެ ސަބަބުން ޓުވާލޫއަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައިވާއިރު ބަދަލުގައި ބޭނުންކުރަން ހުރި ބިމުގެ ފެން ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ލޮނުވެފައެވެ.
ޓުވާލޫއަކީ ޕެސިފިކް ކަނޑުގައި އޮސްޓްރޭލިޔާ ކައިރީގައި އޮންނަ، ނުވަ އަތޮޅުގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމެކެވެ. ދުނިޔޭގެ 10 ވަނައަށް އެންމެ ކުޑަ ގައުމުގެ ގޮތުގައި ބެލެވޭ ޓުވާލޫގައި 11000 މީހުން ދިރިއުޅޭ އިރު އާބާދީގެ ދެބައިކުޅައެއްބައި މީހުން ދިރިއުޅެނީ ވެރި ރަށުގައެވެ. އެގައުމުގެ އެންމެ އުސް ހިސާބުތަކުގައި ހުންނަނީ ކަނޑުން ފެށިގެން 15 ފޫޓް ކަމަށް ވާއިރު ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އަޑިއަށް ދިއުމުގެ ބިރު ވަނީ ކުރިމަތިވެފައެވެ.
ޓުވާލޫގެ ހާލަތު މިހެން ހުރި އިރު އަވަށްޓެރި ޓޮކެލާއޫއިން މިހާރު ވަނީ ބޯފެނުގެ ދަތިކަމުގެ ސަބަބުން ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އެއާއެކު 36000 ގެލަނުގެ ފެން އެގައުމަށް ފޯރުކޮށް ދިނުމުގެ މަސައްކަތް އެމެރިކާގެ ކޯސްޓްގާޑުން ވަނީ ފަށާފައެވެ. އަދި އެކަމުގައި ނިއުޒީލޭންޑުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޓުވާލޫއާއި ޓޮކައިލޫގެ އިތުރުން ގިނަ ޖަޒީރާ ގައުމުތަކަކަށް ވެސް ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ނެތި ދިއުމުގެ ބިރާ ކުރިމަތިވެފައެވެ. އެފަދަ ގައުމުތަކުގެ ތެރޭގައި ރާއްޖެއާއި ސީޝެލްސް ވެސް ހިމެނެއެވެ.
ކުރިއަށް އޮތް 100 އަހަރުގެ ތެރޭގައި 24 އިންޗިއަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެކަމަށް ސައިންސްވެރިން ވަނީ އަންދާޒާކުރާއިރު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޖައްވަށް ކާބަން ބޭރުކުރުން މަދު ކުރަން މަސައްކަތް ނުކޮށްފިނަމަ ކުދި އަދި ތިރި ގައުމުތައް ނެތި ދިއުން އޮތީ ވަރަށް ކައިރީގައެވެ.