ރާއްޖެއިން ސައުދީ އަރަބިއާ އަދި ތައިލެންޑްގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަށް ރުހުން ނުދޭން މީގެ ކުރިން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކުރި ނަމަވެސް އެ ދެ ސަފީރުންނަށް ވެސް ރުހުން ދިނުމަށް މިއަދު އޮތް ކޮމެޓީގެ އިއްތިފާގުން ފާސްކޮށްފި އެވެ.

ސައުދި އަރަބިއާގައި ހުންނަ ދިވެހި ސަފީރުކަމަށް ރައީސް ސޯލިހު ފޮނުއްވީ ގ. އުތުރުއާގެ މުހައްމަދު ހަލީލުގެ ނަންފުޅެވެ. އަދި ތައިލެންޑުގައި ހުންނަވާ ސަފީރު ކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވީ މއ. ތިބްރޯޒް، މުހައްމަދު ޖިނާހު އެވެ.

އެ ދެ ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށް މީގެ ކުރިން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު އެވެ. އެ ހުށަހެޅުއްވުމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމް ތާއީދުކުރެއްވި އެވެ.

އެ ހުށަހެޅުން އޭރު ފާސްވީ އެމްޑީޕީ ޖޭޕީ އަދި ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވެސް ވޯޓާއެކު އެވެ. ޖިނާހުއަށް ރުހުން ދޭން ފެންނަ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

މީޑިއާ ނުވައްދައި ސިއްރުކޮށްގެން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ޖިނާހު އާއި ހަލީލުއަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ ކޮމެޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތަފްސީލެއް ނުލިބެ އެވެ.