އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި، ވާދަ ކުރާ އެމްޑީޕގެ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގެންގުޅެން ޖެހޭ ސުލޫކީ މިންގަނޑު އެ ޕާޓީން މިއަދު އާންމުކޮށްފި އެވެ.

އެމްޑީޕީން ބުނީ މިއަދު އެ ޕާޓީން އާންމުކުރި ކެންޑިޑޭޓުންގެ ސުލޫކީ މިންކަނޑަކީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑާއި، އެ ގާނޫނުގެ 74 ވަނަ މާއްދާއަށް، 2018 ވަނަ އަހަރު، ކުށާއި އަދަބު އިތުރުކޮށްފައިވާ އިރު، އެ ކަންކަންކަމަށް ރިއާޔަތްކޮށް، މިހާރުގެ ގާނޫނަށް ވުރެ ފުރިހަމައަށް ފަރުމާކުރެވިފައިވާ ސުލޫކީ މިންގަނޑެއް ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑުގައި، ޢޭ ޕާޓީގެ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އިސްލާމްދީނުގެ އަސްލުތަކާ ޙަލާފު އެއްވެސް ވާހަކައެއް ދައްކައި، އިސްލާމްދީނުގެ ޙުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ކެންޑިޑޭޓުންގެ މާލީ ބަޔާން، ފުރިހަމަ ތަފްސީލާ އެކު އާންމުކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.

އަދި ކިޔަވައިދޭ ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ތާއީދު އިތުރު ކުރަން މަސައްކަތް ނުކުރުމަށާއި، އެފަދަ ތަންތަނުގެ ހޯލުތައް ބޭނުން ކުރަންވާނީ ހުއްދަ ހޯދައިގެން ކަމަށް އެ ސުލޫކީ މިންގަނޑުގައިވެ އެވެ. ވަކި ޖިންސެއް، މަޒުހަބެއް ނުވަަތަ ވަކި ބަހަކުން ވާހަކަ ދައްކާ ކަމަށް ޓަކައި ވޯޓުލާން ނޭހުމަށް ވެސް އެ މިންގަނޑުގައި ވަނީ އަންގައިފަ އެވެ.

އިންތިހާބާ ގުޅިގެން ހާރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށް ޓަކައި ފައިސާ ނުވަތަ ތަކެތި ހޯދުމަށް، އެއްވެސް ފަރާތަކާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ނާޖާއިޒު ބާރެއް ބޭނުންނުކުރުމަށާއި، ވަކި މީހަކަށް ހާއްސަ އިމްތިޔާޒުތަކެއް ހޯދައިދޭނެ ކަމުގެ، ނުވަތަ ޒާތީ ފައިދާތަކެއް ހޯދައިދޭނެކަމުގެ ހުށަހެޅުމެއް ހުށަނޭޅުމަށް އެމްޑީޕީގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ އިތުރުން، ވަކި ގޮތަކަށް ވޯޓު ލުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރުމަށް އެ މިންގަނޑުގައި ބަޔާންކޮށްފައިވެ އެވެ.