ޕާޓީގެ އެތެރޭގެ ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށް އަމިއްލަ ގޮތުން އިންތިހާބްތަކުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން މާދަމާއަށް ތާވަލު ކޮށްފި އެވެ.

އެ މައްސަލައިގެ އެނެމް ފަހުން ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، އިތުރު ކަމެއް ސާފުކުރުމަށް ނެތް ނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

މާދަމާގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހެނދުނު 9:45 އަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްޑީޕީން ބޭއްވި މަޖިލިސް ޕްރައިމަރީގައި ކާށިދޫ ދާއިރާއިން ނާކާމިޔާބުވި އަބްދުﷲ ޖާބިރު އާއި ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީން ބަލިވި އަހްމަދު މުހައްމަދުގެ އިތުރުން ގާނޫނީ ވަކީލު އަބްދުލް މާނިއު ހުސައިން އެވެ. ޖާބިރު އާއި މާނިއުއާ އެއްކޮށް އެ މައްސަލަ ހުށަހެޅި އިރު އަހްމަދު މުހައްމަދު ހުށަހެޅީ ވަކިންނެވެ.

އެ މައްސަލަ ބާތިލްކޮށްދިނުމަށް ހުށަހަޅާފައި ވަނީ އެއީ ގާނޫނު އަސާސީއާ ތައާރުޒު މައްސަލައެއް ކަމަށް ބުނެ އެވެ.

ޕާޓީގެ އެތެރޭގެ ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށް އަމިއްލަ ގޮތުން އިންތިހާބްތަކުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެއި އިސްލާހު ގާނޫނު އަސާސީއާ ތައާރުޒު ނުވާ ކަމަށް ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ޕްރައިމެރީގައި ވާދަކުރުމުން ބަލިވާ ފަރާތްތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ކަނޑައެޅީ 2016 ވަނަ އަހަރު އެވެ. ވިލިނގިލި ދާއިރާގެ އޭރުގެ ޕީޕީއެމް މެމްބަރު ސައުދު ހުސެއިން މަޖިލީހަށް ހުށަހަޅައި ފާސްކުރި އިސްލާހުގައި ވަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރަކު، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް، ބަލިވުމަށް ފަހު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ބައިވެރި ނުވެވޭނެ ކަމަށެވެ. އަދި އެފަދަ މީހަކު ކެންޑިޑެސީ ހޯދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، އެ މެމްބަރެއްގެ ކެންޑިޑެސީ އެ ކޮމިޝަނުން ބާތިލު ކުރަން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އިސްލާހު ބާތިލްކުރަން ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހު މަޖިލިހަށް ބަލައިގަނެ މިހާރު ވަނީ މަޖިލިހުގެ ކޮމިޓީގަ އެވެ.