އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޖަލު ބަންދާ ގުޅުގެން އެމަނިކުފާނު ނިސްބަވާ އިދިކޮޅު "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަންގެ އިސްބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުގައި މިދިޔަ ހަފްތާ ހޯމަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު "ސަން" އަށް ވިދާޅުވީ، ޕީޕީއެމް އަދި ކޮންގްރެސް ޕާޓީން އެދިގެން އެ ޕާޓީތަކުގެ އިސްވެރިން ރައީސް ސޯލިހާ މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. ނަމަވެސް ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ހޫދު ނުދެއްވަ އެވެ.

ރައީސް ޔާމީން ނިސްބަތްވާ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު "ސަން" އަށް ވިދާޅުވީ، ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ ފަރާތުން ރައީސް ސޯލިހާ އެކު ބައްދަލުވުމަކަށް އެދިވަޑައިގަތީ، ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވީ، އިޖުރާއަތްތަކާ ހިލާފަށް ކަމަށް ގަބޫލު ކުރެވޭތީ، އެ ކަންބޮޑުވުންތައް ރައީސް ސޯލިހާ ހިއްސާ ކުރެއްވުމަށް ކަމަށެވެ.

ނިހާން ވިދާޅުވީ، "އެކަންތައްތައް ބައްލަވާނެ ކަމަށް" ރައީސް ސޯލިހް ވިދާޅުވިކަމަށެވެ. ބައްދަލުވުމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ނިހާން ނުދެއްވަ އެވެ.

އެ ބައްދަލުވުމުގެ އިތުރު ތަފްސީލު ޕީޕީއެމް އަދި ކޮންގްރެސް ޕާޓީ ގުޅިގެން ބާއްވާ ނޫސްވެރިން ބައްދަލުވުމުގައި ހާމަ ކުރައްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ، އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް، އެ ފައިސާ ދައުރު ކުރުމަށް ބޭނުންކުރި އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.

ނަމަވެސް ރައީސް ޔާމީން ނިސްބަތްވާ، އިދިކޮޅު "ޕްރޮގްރެސިވް ކޮންގްރެސް" ކޯލީޝަނުން ގަބޫލު ކުރާ ގޮތުގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ، ދައުވާ އަކީ ބޭއިންސާފުން ކޮށްފައިވާ ސިޔާސީ ދައުވާއެކެވެ. އަދި ރައީސް ޔާމީން ޖަލަށް ލި ކަމުގައިވީ ނަމަވެސް އެމަނިކުފާނު ގެނެސްދެއްވި ތަރައްގީގެ ފިކުރު ޖަލަށް ނުލެވޭނެ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.