24 Feb 2019, 16:01
ކޮންމެ އަހަރަކު އާ ކުލަބުތަކާއި އެކަޑަމީތައް އުފެދުނު ނަމަވެސް ތަމްރީން ކުރާނެ ޖާގައިގެ ދަތިކަން ނެތް ކަމުގެ ޝަކުވާއަކީ ފުޓުބޯޅައަށް ލޯބި ކުރަމުންދާ ގިނަ ބައެއްގެ މެދުކެނޑުމެއް ނެތް ޝަކުވާއެކެވެ.
ރާއްޖޭގެ ބޮޑެތި ކުލަބުތަކާއި ގިނަ އެކެޑެމީތަކެއް މާލޭގައި އުފެދިފައިވާ އިރު މި ހުރިހާ ކުޅުންތެރިން ތަމްރީނު ކުރުމަށްޓަކައި ބޭނުން ކުރެވޭ ހާލަތުގައި އެންމެ ދެ ދަނޑު އޮތް އޮތުމަކީ އެތަކެއް ބަޔަކު ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އަންނަ ޝަކުވާއެކެވެ. ކަމާ ބެހޭ ފަރާތްތަކުން މިކަމަށް އިސްކަމެއް ނުދީ ދޫކޮށްލެވޭ ވަރު ކަމަކަށް މިކަން ނުވާ އިރު މިކަން މިގޮތަށް ވަމުންދާތީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްއަށް ގިނަ ފުޓްބޯޅަ ކޯޗުން ދަނީ ފާޑު ކިޔަމުންނެވެ.

މާފަންނު ސްޓޭޑިއަމްގައި ތަރައްގީކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ފުރަތަމަ ޑިވިޝަންގެ އަށް ކުލަބާއި ދެވަނަ ޑިވިޝަންގެ ކުލަބުތަކުގެ އިތުރުން ތިންވަނަ ޑިވިޝަންގައި ބައިވެރިވާ ގިނަ އަދަދެއްގެ ޓީމުތަކާއި ފުޓްބޯޅަ އެކެޑަމީތައް ތަމްރީން ކުރަން މާލޭގައި އޮންނަނީ ބޮޑު ދެ ޓާފް ދަނޑު އެކަންޏެވެ.
ހެންވޭރު ދަނޑަކީ ކުރިން ކުލަބުތަކާއި އެކެޑެމީތައް ބޭނުން ކުރަމުން އައި ދަނޑެއް ނަމަވެސް މިހާރު އެތަން ބަލަހައްޓަން ވާ ވަރަށް ނުބެލެހެއްޓުމުން ދަނޑު އެއްވަރު ނުވެފާ ދަނޑުގައި އިންދާފަ ހުރި ކާޕެޓްތައް ދިގުވުމުގެ ސަބަބުން ޕްރޮފެޝަނަލް ކުޅުންތެރިން ތަމްރީން ކުރުމަށް އެންމެ އެކަށީގެން ނުވެއެވެ.
ރާއްޖޭގެ ރަސްމީ ދަނޑު ގަލޮޅު ދަނޑަކީ ހަމައެކަނި ފުރަތަމަ ޑިވިޝަން ލީގު މެޗުތަކާއި ގައުމީ ޓީމް ޕްރެކްޓިސް އަދި މެޗުތަކުގެ އިތުރުން ބޮޑެތި މުބާރާތް ތަކުގެ ފައިނަލް އެކަނި ކުޅުމަށް އޮތް ދަނޑަކަށް ވާއިރު ބާކީ ހުރި ހުރިހާ ބޮޑެތި މުބާރާތްތަކާއި ޕްރެކްޓިސްތައް ދެ ދަނޑުގައި އެއްވެސް ބަޔަކަށް ދެރައެއް ނުލިބި ކުރެވޭނެ ގޮތެއް އޮންނާނެތޯއެވެ؟
ސްކޫލު މުބާރާތްތަކާއި އޮފީސް މުބާރާތް ތަކުގެ އިތުރުން އެތައް ހާސް ބައެއް ޝާމިލްވާގޮތުގައި ބޭއްވޭ މުބާރާތްތައް ފުރިހަމައަށް ވަގުތު ދީގެން ބާއްވާ ނަމަ އެދުވަހަކު ދެން ހުރި ކުޅުންތެރިން ތަމްރީން ކުރުމުން މަހުރޫމް ވާން ޖެހެއެވެ. ނޫނީ ވެލި ދަނޑުދަނޑުގެ އިތުރުން އެކި ސަރަހައްދުތަކުގައި ހެދިފައި ހުންނަ ފުޓްސަލް ދަނޑުތަކުގައި ޕްރެކްޓިސް ކުރަން ޖެހުމުން ޓީމު ތަކުގެ ކޯޗުންނަށް ބޭނުންވާ ތަމްރީނުތައް ޓީމަށް ދިނުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތި ލާން ޖެހެއެވެ.

މާފަންނު ސްޓޭޑިއަމްގައި ތަރައްގީކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ
މާލޭ ގިނަ ބަޔަކު އޮފީސްތަކާއި ވަޒީފާތަކުގައި އުޅެން ޖެހުމުގެ ސަބަބުން ޕްރެކްޓިސް ކުރުމަށް ލިބޭ ވަގުތު ކޮޅަކީ ރޭގަނޑަށް ވެފައި އެ ވަގުތު ތެރޭ ހުރިހާ އެންމެން ދެ ދަނޑުގައި ޕްރެކްޓިސް ކުރެވޭނެ ހަމަ އެއް ގޮތެއް ވެސް ނޯންނާނެ ނޫންތޯއެވެ؟ ރޭގަނޑު 12 ޖަހާ އިރަށް މާކަރީ ލައިޓުތައް ނިއްވާލާ އިރު ގިނަ ޓީމުތައް ޖެހެނީ ޕްރެކްޓިސް ނުކޮށް މަޑު ކުރާށެވެ. މާދަން މެޗު ކުޅެން އޮތް ނަމަވެސް ދަނޑު ހޯދުމަށް ކުރީ ބައިގައި ނޫޅެވިއްޖެ ނަމަ މެޗަށް ދާން ޖެހޭނީ ފައިނަލް ޕްރެކްޓިސް ނުކޮށެވެ.
މި މައްސަލަތައް މިގޮތުގައި ހުންނަތާ އެތަކެއް ދުވަހެއް ވެފައިވާއިރު މިކަމައް ހައްލެއް ނުހޯދައި ކަމާބެހޭ ފަރާތްތަކުން ތިބުމަކީ ފުޓުބޯޅައަށް ލޯބިކުރާ އެތައް ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.