އިލެކްޝަން ކޮމިޝަންގެ މެމްބަރަކަށް ވުމަށް ހުޅުވާލުމުން 16 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު އަބްދުއްރަހީމުގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ، ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހު 13 ވަނަ ދުވަހުއެވެ.

އެ ފުރުސަތު މިދިޔަ ހަފްތާ ބުދަ ދުވަހަށް ހަމަވެފައިވާއިރު، ކޮމިޝަންގެ މެމްބަރުކަމަށް 16 މީހަކު ކުރިމަތިލާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު "ސަން" އަށް ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ، 16 މީހުންގެ ނަން މަޖިލީހަށް ފޮނުވާނެ ދުވަހެއް އަދި ނުނިންމާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ ނަންތައް މަޖިލީހަށް ފޮނުވާނެކަމަށެވެ. ކުރިމަތިލެއްވި ބޭފުޅުންގެ ތަފްސީލެއް ހޫދު ނުދެެއްވައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ކޮމިޝަނުގެ ދެވަނަ ދައުރަކަށް ދައުރު މިއަންނަ މަހު 13 ވަނަ ދުވަހު ދައުރު ހަމަވާ ހަބީބުވެސް ވަނީ މެމްބަރުކަމަށް ކުރިމަތި ލައްވާފައެވެ.

އެ ކޮމިޝަންގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ. ކޮމިޝަންގެ މެމްބަރަކަށް އިތުރު ދައުރަކަށް ކުރިމަތިލުމުގެ ގާނޫނީ ހުރަހެއް ނޯވެއެވެ.

އިލެކްޝަންސް ކޮމިޝަނުގައި އެ ކޮމިޝަނުގެ ރައީސާއެކު މަދުވެގެން ފަސް މެމްބަރުން ތިބެން ޖެހޭއިރު، މެމްބަރުކަމަށް އައްޔަނުކުރާނީ އެ މަގާމަށް މީހުން ކުރިމަތިލައި، އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން އެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރާ މީހެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުކަން ކުރެވޭނީ އުމުރުން 25 އަހަރު ވެފައިވާ މުސްލިމު ދިވެހި ރައްޔިތަކަށެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އެ މީހަކު އަދަކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ އިރު، ގާނޫނު އަސާސީ ނުވަތަ އެއްވެސް ގާނޫނެއްގެ ދާށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރާ މީހަކަށް އެ މީހަކު ވެގެން ނުވާނެއެވެ.

ހަބީބުގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާއާއި ކޮމިޝަންގެ ތަރުޖަމާނު އަހްމަދު އަކްރަމް އަދި މެމްބަރު އަލީ ނަޝާތެވެ.