24 Feb 2019, 15:03
ފްރާންސުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓަރީން އުފެއްދި ބައެއް ފުޅިތަކުގައި ކޮލިޓީ މައްސަލަތަކެއް ހުރުމުން، އެފެކްޓަރީ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
ނަޓެއްލާ އުފައްދާ އިޓަލީގެ ފެރޭރޯ ކުންފުނިން ބުނި ގޮތުގައި މައްސަލަތަކެއް ފާހަގަ ކުރެވިފައި ވަނީ އެއްކޮށް ނުނިމި ހުރި ނަޓެއްލާ ފުޅިތަކެއްގަ އެވެ. އަދި ފެކްޓަރީ ބަންދު ކުރަން ނިންމީ އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށެވެ.
"އަޅުގަނޑުމެން ބަލާ ފެންވަރަށް ނުފެތޭތީ ފެކްޓަރީގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން ނިންމީ. އޭގެ ސަބަބުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން އަޅުގަނޑުމެންނަށް ފުރުސަތު ލިބޭނެ،" ފެރޭރޯގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެކުންފުނިން ވަނީ މިހާރު ބާޒާރުގައި ވިއްކަމުންދާ ނަޓެއްލާގެ އެއްވެސް އުފެއްދުމެއްގައި މައްސަލައެއް ނުހުންނާނެ ކަމަށާއި އެހެން ފެކްޓަރީތަކުން އަދި ވެސް ނަޓެއްލާ އުފައްދަމުންދާނެ ކަމަށް ބުނެފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަ ފެރޭރޯގެ 22 ފެކްޓަރީގައި 30،000 އަށް ވުރެ ގިނަ މީހުން މަސައްކަތްކުރެ އެވެ. އަދި ކޮންމެ އަހަރަކު ފްރާންސުގައި އެކަނި ވެސް 100 މިލިއަން ނަޓެއްލާ ފުޅި ވިކެ އެވެ.