ކުޑަކުދިންތަކަކާ މެދު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކުރި، ހއ. އިހަވަންދޫ ސްކޫލް ގެ ގްރެޖުއޭޓް ލީޑިން ޓީޗަރު ސަސްޕެންޑް ކޮށް ގެއަށް ފޮނުވާލައިފި އެވެ.

އިހަވަންދޫ މަދަރުސާގެ ޕުރިންސިޕަލް މުޙައްމަދު ފިރާޒު މިއަދު ވިދާޅުވީ ލީޑިން ޓީޗަރު، އާދަމް މޫސާ ސަސްޕެންޑް ކުރިކަން ސިވިލްސާވިސްކޮމިޝަނުން އެ މަދަރުސާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ އާއިލީ ޒިންމާގެ ޗުއްޓީ ނިންމެވުމަށްފަހު ސްކޫލަށް ނުކުމެ ވަޑައިގެންނެވުމުން ކަމަށެވެ.

"ދިއްދޫ ފުލުހުން އެބޭފުޅާ ހައްޔަރު ކުރުމަށް ފަހު ދޫކޮއްލި ތަނުން އާއިލީ ޒިންމާގެ ދަށުން އަށް ދުވަހުގެ ޗުއްޓީ އެއް ނެންގެވީ. ޗުއްޓީ ނިންމާ ލެއްވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އަލުން ސްކޫލަށް ވަޑައިގަތީ. ވަޑައިގަތްތާ 20 މިނެޓް ތެރޭގައި ސިވިލް ސާވިސް ކޮމިޝަނުން ވަނީ ފެކްހެއް ފޮނުވައި ވަކިމުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައި. ސަސްޕެންޝަންގައި ހުންނެވި ނަމަވެސް މުސާރަ ދިނުމަށް ވަނީ އަންގާފައި،" ޕްރިންސިޕަލް ވިދާޅުވިއެވެ.

ކުޑަކުދިންތަކަކާ މެދު އާދަމް މޫސާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާ ދޫކޮށްލާފައިވަނީ ހއ. ދިއްދޫ ފުލުހުންގެ ބެލުމުގެ ދަށުގައި 11 ދުވަހު ބެހެއްޓުމަށްފަހު އިތުރަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ޖަހައި ނުދިނުމުންނެވެ.