14:30


މި ސަރުކާރު ބަދަލުކުރެވޭނެ ޕާޓީއެއް ޑީއާރުޕީ ނޫނީ ނެތް ކަމަށާއި އެހެންވެ ޑީއާރުޕީ ބަލިކަށިކޮށްލުމަށް ކުރެވެން އޮތް ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމުގައި ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ޑީއާރުޕީން އަތޮޅުތަކަށް މިހާރު ކުރަމުންގެންދާ ދަތުރުގައި އިއްޔެ ރޭ ރ. އުނގޫފާރުގައި ބޭއްވި ޖަލްސާއެއްގައި ތަސްމީން ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ޑީއާރުޕީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ވިދާޅުވި އެވެ. ތަސްމީން ވިދާޅުވީ ޑީއާރުޕީއަށް ލިބެމުން އަންނަ ކާމިޔާބީ އަކީ ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ހައްޤުގެ މަގުގައި ތިބިގެން އެޕާޓީން މަސައްކަތް ކުރަމުން ދިއުން ކަމަށާއި އެޕާޓީއަކީ މާލުއިކޮށް މަގުމައްޗަށް އެއްވެ މުޒާހަރާކޮށް އަޑުގަދަ ކުރަން ބޭނުންވާ ޕާޓީއެއް ނޫން ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތި ވީމާ ރައްޔިތުންގެ ހައްޤުގައި އެކަންތައް ކުރުމަށް ޑީއާރުޕީން ފަސްނުޖެހޭނެކަން މިއަދުގެ ސަރުކާރަށާއި ރައްޔިތުންނަށް ހާމަކޮށްދީފައިވާނެ ކަމަށްވެސް ތަސްމީން ވިދާޅުވި އެވެ.


ތަސްމީން ވިދާޅުވީ ހަޤީޤަތުގައި ޑީއާރުޕީން އެދޭ ގޮތަކަށް ހުރިހާ ގޮތަކަށް ކަންކަން ކުރެވިގެންދާނީ އަންނަ ރިޔާސީ އިންތިހާބް އެޕާޓީއަށް ކާމިޔާބު ކުރެވިގެން ކަމަށެވެ.


ތަސްމީން އަދި ވިދާޅުވީ ކިތަންމެ ބޮޑު ޖޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވީ ނަމަވެސް ޑީއާރުޕީގެ މެންބަރުން އެޕާޓީ ކުރިއެރުވުމަށްޓަކައި ސާބިތުކަމާއެކު ތިބޭނެ ކަމަށާއި އެގޮތުގައި އެ މެންބަރުން ތިބިހާ ހިނދަކު ޑީއާރުޕީ ބަލިކަށިކޮށްނުލެވޭނެ ކަމަށެވެ. އަދި ޑީއާރުޕީން ހޯދަމުންދާ ހުރިހާވެސް ކާމިޔާބީއަކީ އެޕާޓީގެ މެންބަރުންގެ ހިތްވަރާއި އަޒުމާ އެމެންބަރުންގެ މަސައްކަތްތެރިކަމުން ހާދަމުން އަންނަ ކާމިޔާބީ އެއް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އެގޮތުން ފާއިތު ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ޑީއާރުޕީ އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމުގައި ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެޕާޓީން ހޯދަމުން އަންނަ ކާމިޔާބީތައް  ތަސްމީން ފާހަގަކުރެއްވި އެވެ.