އޮޕަރޭޝަންތައް ފެށުމުގެ ހުއްދަ މިދިޔަ ހަފްތާގައި ލިބުނު އާ ޑޮމެސްޓިކް އެއާލައިން މަންތާ އެއާގެ އުދުހުންތައް މިއަދު ފަށައިފިއެވެ.

މަންތާ އެއާގެ ފުރިހަމަ ޝެޑިއުލްޑް ދަތުރުތައް ފަށާފައިވާ އިރު، މިވަގުތު އެ އެއާލައިނުން ދަތުރުކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޑަހުވަދޫގެ ދާލު އެއާޕޯޓާ ދެމެދުއެވެ. ދުވާލަކު މަންތާ އެއާގެ ހަތަރު ފްލައިޓު ބާއްވާ އިރު، އެ އެއާލައިނުގެ ފްލައިޓުތައް އޮންނާނީ ކުރިއާލައި ޕަބްލިޝް ކުރެވިފައިވާ ފިކްސްޑް ޝެޑިއުލެއްގެ މައްޗަށެވެ.

މަންތާ އެއާގެ އޮޕަރޭޝަންތައް ހިންގަނީ އޭޓީއާރު 600-72 މަރުކާގެ، 64 ގޮނޑީގެ ޖާގައިގެ ދެ އެއާކްރާފްޓާއެކުގައެވެ.

މަންތާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ ކުޑަހުވަދޫއަށް ފަށާ ދަތުރުތަކީ ފެށުމެއްގެ އިތުރުން އެ އެއާލައިނުން ކުރިއަށް އެޅި ބޮޑު ފިޔަވަޅެއް ކަމަށެވެ.

"އަޅުގަނޑުމެން ދާނީ އެއާލައިނުގެ ފްލީޓު ބޮޑުކޮށް، އަދި އިތުރު މަންޒިލުތަކާއި ރޫޓުތައް އަޅުގަނޑުމެންގެ ނެޓްވޯކަށް ތައާރަފުކުރަމުން. މަންތާގެ ސަގާފަތަކީ ކަސްޓަމަރުންނަށް ހެޔޮ ހިދުމަތްތަކެއް ދިނުން. ވައިގެ ދަތުރުފަތުރުގެ ތަޖުރިބާއަކީ ހިތްގައިމު އަދި ފަސޭހަ ތަޖުރިބާއަކަށް އަޅުގަނޑުމެން ހަދައިދޭނަން،" މަންތާ އެއާގެ ސީއީއޯ ވިދާޅުވިއެވެ.

މަންތާ އެއާގެ ގިނަ ފެއާ ކެޓަގަރީތަކެއް އޮވެއެވެ. އޭގެ ތެރޭގައި ވަރަށް އަގުހެޔޮ ފެއާގެ ޓިކެޓުތައްވެސް ހިމެނެއެވެ. މަންތާއިން ބުނީ އެ އެއާލައިން ފެށުމާ ގުޅިގެން އަގުހެޔޮ ފެއާ ލިބޭ ޕްރޮމޯޝަނެއް މޭ މަހުގެ 31 ގެ ނިޔަލަށް ކުރިަށްދާނެ ކަމަށާއި، މަންތާ އެއާގެ ސޭލްސް އޭޖެންޓުންނާއި އެ އެއާލައިނުގެ ވެބްސައިޓު މެދުވެރިކޮށް ޓިކެޓު ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މަންތާ އެއާގެ ބޯޓުތަކުގައި ހުންނަނީ "ސެފަޔާ" އަދި "ކޮމްފޯޓް" ކްލާހުގެ ސީޓެވެ. ދެ ކްލާހުގެ ކެބިންތައް ޑިޒައިންކޮށްފައިވަނީ ޒަމާނީކޮށް، އަދި ފަސިންޖަރުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އަދި ފަސިންޖަރުންނަށް ބޮޑު ލެގްރޫމެއް ލިބޭނެ ފަދައިން ސީޓުތައް ކަސްޓަމައިޒްކޮށްފައިވެއެވެ.