ބެއިޖިން (ފެބްރުއަރީ 24): ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ހައްގު ޗައިނާއަށް ލިބިގެންވާ ކަމަށް ވިދާޅުވެ، ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޗައިނާއިން އުއިގޫރު މުސްލިމުން ގައިދުހާނާތަކުގައި ހައްޔަރު ކުރާ މައްސަލަ ދިފާއު ކުރައްވައިފި އެވެ.

ބިން ސަލްމާން އެފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ޗައިނާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެއްގައި އެގައުމުގެ ރައީސް ޝީ ޖިންޕިންގާ ބައްދަލު ކުރެއްވުމަށްފަހުގައި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ އިން ބުންޏެވެ.

އެބައްދަލުވުމުގައި ރައީސް ޝީ ވަނީ ސައުދީ އާއި ޗައިނާ އިން "ހައްދުފަހަނައަޅާފައިވާ ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި" ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަލީއަހުދު ވަނީ، ޗައިނާ އިން ޓެރިރަޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެގައުމަށް ލިބިގެންވާ ހައްގެއް ކަމަށާއި އެއީ ސައުދީން އިހުތިރާމު ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"ޗައިނާގެ ގައުމީ ސަލާމަތަށް ޓަކައި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެގައުމަށް ލިބިގެންވާ ހައްގެއް. އެއީ ސައުދީ އަރަބިއާއިން އިހުތިރާމު ކުރާ ކަމެއް،" ބިން ސަލްމާން ވިދާޅުވި ކަމަށް ސީސީޓީވީން ބުންޏެވެ.

ވަލީއަހުދުގެ އެދަތުރުފުޅުގެ ތެރެއިން ސައުދީގެ އަރަމްކޯ އިން ވަނީ 10 ބިލިއަން ޑޮލަރުގެ ޖޮއިންޓް ވެންޗާއެއްގެ ދަށުން ޗައިނާގައި ރިފައިނަރީ އެންޑް ޕެޓްރޯކެމިކަލް ކޮމްޕްލެކްސްއެއް އަޅަން އެއްބަސްވެފަ އެވެ.

އަދި ސައުދީ ޖެނެރަލް އިންވެސްޓްމެންޓު އޮތޯރިޓީން ވަނީ ޗައިނާއާ އެކު 28 ބިލިއަން ޑޮލަރުގެ އަގުހުރި 35 ނަން ބައިންޑިން އެމްއޯޔޫތަކުގައި ސޮއިކޮށްފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ހަކަތަ އާއި މައިނިން އާއި ދަތުރުފަތުރާއި އީކޮމާސްއާ ގުޅުން ހުރި އެއްބަސްވުންތައް ހިމެނެ އެވެ.

ޗައިނާގެ ޝިންޖިއަންގް ޕްރޮވިންސުގެ އާބާދީގެ 45 ޕަސެންޓު ހިއްސާ ކުރަނީ އުއިގޫރު މުސްލިމުންނެވެ. ނަމަވެސް އެގައުމުގެ ބައެއް ސަރަހައްދުތަކުގައި އިސްލާމްދީނަށް އަމަލު ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން ނަމާދުކުރާ، ރޯދަ ހިފާ، ތުނބުޅި ދިގުކުރާ ނުވަތަ ބުރުގާ އަޅާ މީހުން ހައްޔަރު ކުރުމަކީ އާއްމު ކަމެކެވެ. އދ.ގެ ޕެނަލަކުން ލަފާ ކުރާ ގޮތުގައި ޗައިނާގެ ގައިދުހާނާތަކުގައި ހައްޔަރުކޮށްފައިވާ އުއިގޫރު މުސްލިމުންގެ އަދަދު އެއް މިލިއަނަށް އަރަ އެވެ.