24 Feb 2019, 12:35
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބު އަދި އެ އިދާރާގައި މަސައްކަތް ކުރައްވާ އޭނާގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާ އެޑިއުކޭޝަން މިނިސްޓްރީގެ އެހެން ދެ އިދާރާކަށް ބަދަލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ މިނިސްޓަރު ޑރ. އައިޝަތު އަލީ އެ މަގާމާ ހަވާލުވެވަޑައިގަންނެވުމަށް ފަހު ވަރަށް ގިނަ ސެކްޝަންތަކެއްގެ ބޭފުޅުން ބަދަކުކޮށްފައިވާ ކަމަށެވެ. އަދި އެގޮތުން ހަމައެކަނި ބަދަލުކޮށްފައި ވަނީ އެ ދެ ބޭފޫޅުން އެކަނި ނޫން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޝަކީބް އަދި އޭނާގެ އަންހެނުންނާ ދެކޮޅަށް ޑީޕީއީގެ މުވައްޒަފުންތަކެއް ވަނީ އޭސީސީގެ އިތުރުން އެޗްއާރުސީއެމާއި ވަޒީފާއާ ބެހޭ ޓްރެބިއުނަލަށް މައްސަލަތަކެއް ހުށަހަޅައިފަ އެވެ.
އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު "ސަން"އަށް ވިދާޅުވީ، ޝަކީބު މަގާމުން ދުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަތަކުގެ ތެރެއިން އޭސީސީ އަށް ހުށަހެޅި މައްސަލަތައް ބެލޭނީ ސީއެސްސީއަށް ކަމުން، ސީއެސްސީއަށް އެ މައްސަލަތައް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
މަނިކު ވިދާޅުވީ، އޭސީސީ އަށް ޑީޕީއީގެ މުވައްޒަފުންތަކެއް ހުށަހެޅި މައްސަލައަކީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ކަމަށެވެ.
ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ޝަކީބު، ޑީޕީއީގައި މަސައްކަތް ކުރައްވާތާ 11 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު އޭނާގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާ ވެސް މަސައްކަތް ކުރައްވަނީ އެ އިދާރާގަ އެވެ.