ބޮޑުތަކުރުފާނު މަގު، މަސްވެރިންގެ ޕާކު ކުރިމަތީ ހުންނަ އެމްޓީސީސީ ޓަވަރުގެ ފައިނޭންސް އޮފީސް ރޭ ދަންވަރު ބަޔަކު ވަދެ ގިނަ އަދަދެއްގެ ފައިސާ ވަނީ ވަގަށް ނަގައިފައެވެ.

ފުލުހުންނަށް މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ، މިއަދު ހެނދުނު 8:18 އެހާކަށް ހާއިރު އެވެ. މިކަމާ ގުޅިގެން ފުލުހުން މާބޮޑު ތަފްސީލެއް ނުދެއްވައެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "ސަން" އަށް ވިދާޅުވީ، އެ ކުންފުނީގެ ފައިނޭންސް އޮފީސް ފަޅާލައި، ގާތްގަނޑަކަށް 80،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އޮފީހުގެ ސީސީޓީވީ ކެމަރާއަށް އެ މީހުން އަރާފައިވާ އިރު، އެމީހުން އެ އޮފީހަށް ވަދެފައިވަނީ، ރޭ ދަންވަރު 3:40 އެހާކަންހާއިރު ކަމަށް ޝާހު ވިދާޅުވިއެވެ.

"[ވަގަށް ނަގައިފައިވަނީ] ގާތްގަނޑަކަށް 80،000 އެއްހާ ރުފިޔާ. އެއީ އިއްޔެގެ އިންސުއަރެންސް އަދި ޕޭޓީ ކޭޝްގެ ފައިސާ. އަދިވެސް އިތުރު ފައިސާކޮޅެށް،" ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ އޮފީސް ފަޅާލާފައި ވަނީ، މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ޓަވަރުގެ ހުޅަނގު ފަރާތު ހަދަމުންދާ އިމާރާތުން އަރައި، ޓަވަރުގެ ފަސްވަނަ ފަންގިފިލާގެ ކުޑަ ދޮރު ހަލާކުކޮށްގެން ކަމަށެވެ. އަދި އެމީހުން ތިބީ އަންގިވެސް ލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"[ޖެހިގެން ހުރި] އިމާރާތުން އަރާ، އެމްޓީސީސީ ޓަވަރުގެ ފަސް ވަނަ ފަންގިފިލާގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވަދެފަ ހުރީ. ޓްރާންސްޕޭރެންޓް އަންގިލައްވައިގެން ތިބީ. ކެމެރާއަށް އެބަހުރި އަރާފައި،"

އެމްޓީސީސީ ޓަވަރު: އެ ޓަވަރުގައި ހުރި ފައިނޭންސް އޮފީސް ފަޅާލައި 80،000 އެއްހާ ރުފިޔާ ވަނީ ވަގަށް ނަގާފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޝާހު ވިދާޅުވީ، ފައިސާގެ އިތުރުން އެ އޮފީހުގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ) މުހައްމަދު ހިލްމީގެ ލެޕްޓޮޕް ވެސް ވަގަށް ނަގައިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު "ސަން" އަށް ވިދާޅުވީ، ވަގަށް ނަގައިފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އަދި ސާފު ނުވާ ކަމަށާއި މިހާރު ފުލުހުން "ސީން" ގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

މިއަހަރުގެ މިހާތަނަށް 572 ވައްކަމުގެ ހާދިސާ ފުލުހުންނަށް ވަނީ ރިޕޯޓު ކޮށްފައެވެ. އޭގެ ތެރޭގައި މިމަހު ރިޕޯޓުކޮށްފައިވާ 243 ވައްކަމުގެ ހާދިސާ ހިމެނެއެވެ.