24 Feb 2019, 12:00
އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ކުރުމަށް ގަންނަން ބޭނުންވާ ވެހިކަލް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން "ވެހިކަލް ލޯނު" ތައާރަފްކޮށްފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބީއެމްއެލް ރީޓެއިލް ބޭންކިންގެ ސީނިއާ މެނޭޖަރު ބަދުރުއްދީން ހަސަން ވިދާޅުވީ އެ ލޯނަކީ ފަސް ލައްކަ ރުފިޔާ އާ ހަމައަށް އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ލޯނެއް ކަމަށެވެ.
އަދި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބިގެން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބަދުރުއްދީން ވިދާޅުވީ ރާއްޖޭގައި މިވަގުތު ވެހިކަލް ގަންނަން ދޫކުރާ އިންސްޓޯލްމަންޓް ޕްލޭންތަކުގެ ތެރެއިން އެންމެ ފުރިހަމަ އިންސްޓޯލްމަންޓަށް އެ ޕްލޭނަށް ވާނެކަމަށެވެ.
"ޑައުންޕޭމަންޓަކަށް 20 އިންސައްތަ. މިއީ އެއްވެސް ރަހުނަކާ ނުލާ ދޫކުރާ ލޯނެއް. އިންސްޓޯލްމަންޓެއްގެ ގޮތުގައި އެންމެ ކުޑަ އަދަދެއް ދައްކާނީ ބީއެމްއެލް ވެހިކަލް ލޯން،"
ބީއެމްއެލްގެ ވެހިކަލް ލޯން---
އެ ލޯނަށް އެއްވެސް ގެރެންޓާއެއް ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިންވެސް ވެހިކަލް ގަންނަން ލޯނު ދޫކުރި ނަމަވެސް މިއަދު ތައާރަފްކުރެވިގެންދިޔަ 'ވެހިކަލް ލޯނު'އިން އެއްވެސް ރަހުނަކާ ނުލައި ވެހިކަލް ގަނެވޭނެ ކަމަށްވެސް ބަދުރުއްދީން ވިދާޅުވިއެވެ.
ބީއެމްއެލް އާއެކު އެގްރީމަންޓް ކުރެވިފައިވާ ޑީލާއެއްގެ ކޯޓޭޝަނަކަށް ވާންޖެހޭ ކަމަށާއި އަދި އެ ލޯނުގެ ދަށުން ގަނެވޭ ވެހިކަލް ވާންޖެހޭނީ ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ވެހިކަލް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 18 ޕަސެންޓެވެ.
ބީއެމްއެލްއިން ބުނީ ބޭންކާއެކު އެއްބަސްވުން ހަދާފައިވާ ވެހިކަލް ޑީލާސްގެ ލިސްޓް ބޭންކުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާނެކަމަށެވެ.
ބީއެމްއެލް ވެހިކަލް ލޯނަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ބޭނުންވާ ލިޔެކިއުންތަކާއެކު ބީއެމްއެލްގެ ކޮންމެ ބްރާންޗްއަކަށްވެސް ހުށަހެޅިދާނެއެވެ. އަދި އިންޓަނެޓް ބޭންކިންއަށް ލޮގިން ކުރުމަށް ފަހު އޮންލައިން ކޮށްވެސް ހުށަހެޅިދާނެއެވެ.