24 Feb 2019, 11:12
މާޒިޔާ ސްޕޯޓްސް ނަގާ ކޮޅަށް ޖެހި އެ ޓީމުގެ މޭސްތިރިޔާ އިސްމާއިލް މަހްފޫޒް (އިންމަ) މި ސީޒަނަށް އަލަށް ކޮލިފައިވި ދަ ގްރާންޑޭގެ ކޯޗު ކަމާއި ހަވާލު ވެއްޖެއެވެ.
ކޯޗުކަމާއި ހަވާލުވުމުގެ ކުރިންވެސް ފުރަތަމަ ޑިވިޒަންގައި ގިނަ ދުވަސްތަކެއް ވަންދެން ފުރަތަމަ ޑިވިޒަނުގައި ކުޅުނު އިންމަ ދަ ގްރާންޑޭގެ ޓީމަށް އިރުޝާދު ދިނުމަށް ކޯޗުކަމާއި ހަވާލުވެފައިވަނީ އެއް ސީޒަނުގެ އެއްބަސްވުމަކަށެޗެ.

ދަ ގްރާންޑޭގެ ކޯޗުކަމާއި އިސްމާއިލް މަހަފޫޒް (އިންމަ) ހަވާލުވުުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ ދަ ގްރާންޑޭ
މާޒިޔާ 2006 ވަނައަހަރު ފުރަތަމަ ޑިވިޒަންގައި ވާދަ ކުރަންފެށި ހިސާބުން އެ ޓީމުގެ ކޯޗުކަން 2014 ވަނަ އަހަރުގެ ނިޔަލަށް ކޮށްދީފައިވާ ނާދު ވަނީ މާޒިޔާ ސްޕޯޓްސް ރާއްޖޭގެ ފުޓުބޯޅައިގެ ގަދަ ބާރަކަށް ހަދާފައެވެ. އަހަރަކުން އަހަރެއް ޓީމު ވަރުގަދަ ކުރަމުން އައިސް 2012 ވަނައަހަރުގެ އެފްއޭ ކަޕް މާޒިޔާއަށް ހޯދައިދީފައިވާ އިންމަ އަކީ ރާއްޖެގައި މިވަގުތު ހުރި އެންމެ އިތުބާރު އެއް ކޯޗެވެ.
އެއަށްފަހު ދެއަހަރު ވަންދެން ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އިންމަ ވަނީ އެ މުއްދަތުގައި ގައުމީ ޓީމުގައި ހުރި ކޯޗު ޓީމުން ވަކި ކުރުމާއި ގުޅިގެން ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމު ވެސް ފުރާފައެވެ. އެގޮތުން ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާއި ވާދަ ކުރި މެޗާއި އޭސިއަން ކަޕުގެ ކޮލިފައިންގައި ޔަމަނާއި ވާދަ ކުރި މެޗު ފާހަގަ ކޮށްލެވެއެވެ.
ގައުމީ ޓީމާއި އެކު ދުވަސްތަކެއް ހޭދަ ކުރުމަށްފަހު 2017 ވަނަ އަހަރު އަލުން އަނބުރާ މާޒިޔާއާއި އިންމަ ގުޅުނު ނަމަވެސް އެ ސީޒަނުގައި އޭނަގެ ޓާގެޓަށް ޓީމު ވާސިލް ކުރެވިފައި ނުވުމުން ޓީމު ދޫ ކޮށްލާނެ ކަން މީގެ ކުރިން ވެސް އިންމަ ވަނީ އިއުލާން ކޮށްފައެވެ.
އިންމަ ކޯޗެއްގެ ގޮތުގައާ ފުޓުބޯޅައިގެ ތެރޭގައި ހޯދި ތަޖުރިބާގެ ބޭނުން ދަ ގްރާންޑޭގެ ޓީމަށް ހޯދޭނެ ކަމަށާއި އެ ޓީމު އެހެން ހަރުފަތަކަށް ގެންދިއުމަށް އެންމެ ކުޅަދާނަ އެއް ކޯޗަކީ އިންމަ ކަމަށް ދަ ގްރާންޑޭ އިން ވަނީ ބުނެފައެވެ.
ވޭތުވެ ދިޔަ އަހަރު ދެވަނަ ޑިވިޒަންގެ ޗެމްޕިއަންކަން ހޯދުމަށް ފަހު މި ސީޒަނުގައު ފުރަތަމަ ޑިވިސަންއަށް ފުރަތަމަ ފަހަރަށް ކޮލިފައިވި ދަ ގްރާންޑޭ ޓީމުން މި ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޓީމަށް ދަނީ ތަޖުރިބާކާރު، ހުނަރުވެރި ކުޅުންތެރިން ގެންދަމުންނެވެ. އެގޮތުން މުހައްމަދު ރަޝީދު (ހޮކޭ) އާއި މިދިޔަ އަހަރު އިންމަގެ ކޯޗުކަމުގައި މާޒިޔާ އަށް ކުޅުނު ޔަސްފާދު ހަބީބު (މުލަކޭ) ވެސް ވަނީ އެ ޓީމާއި ގުޅިފައެވެ.