11 Oct 2011, 10:47
ޕްރިންޓް މީޑިއާ ހިންގާ ގޮތް ބެލުމަށް އުފައްދާފައިވާ މީޑިއާ ކައުންސިލް އުވާލައި އެ މަސައްކަތް ބްރޯޑްކާސްޓް ކޮމިޝަނާ ހަވާލުކުރުމަކީ ރާއްޖޭގައި އަށަގަންނަމުންދާ ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓި، ގާނޫނު އަސާސީން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެގެން ހިނގައިދާނެ ކަމެއް ކަމަށް ދެކޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އެމްޖޭއޭ އިން ބުނެފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެންގުމާ ހިލާފަށް މީޑިއާ ކައުންސިލްގެ މެމްބަރުން އެލަވަންސް ނެގި މައްސަލައާ ގުޅިގެން އެކައުންސިލް އުވާލާ ވާހަކަ މީޑިއާގައި ފެތުރުމާ ގުޅިގެން އިއްޔެ އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މީޑިއާ ކައުންސިލް އުވާލުމުގެ ބަދަލުގައި އެކައުންސިލް އިސްލާހުކޮށް ހަރުދަނާ ކުރެވިދާނެ ކަމަށް އެ ޖަމިއްޔާ އިން ދެކޭ ކަމަށެވެ. އަދި އެ ކައުންސިލްގެ މެމްބަރުންގެ އަދަދު މަދުކޮށް، އެ ކައުންސިލްގައި ހިމެނޭ އަމިއްލަ މެމްބަރުން މަދުކޮށް މީޑިއާ ތަމްސީލްކުރާ މެމްބަރުން އިތުރު ކުރުމަކީ ކައުންސިލް އިސްލާހު ކުރެވިދާނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
އެމްޖޭއޭ އިން ބުނި ގޮތުގައި އެ ޖަމިއްޔާ އިން އިސްކަން ދެނީ މީޑިއާ، މީޑިއާގެ ތެރެއިން ރެގިއުލޭޓް ކުރުން ކަމަށާއި އެކަން ނުވެ ވަނިކޮށް، މީޑިއާ ކައުންސިލް އުވާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އެމްޖޭއޭގެ ބަޔާނުގައި އަދި ބުނެފައި ވަނީ ކައުންސިލް މަސައްކަތް ކުރާ ގޮތް ބެލުމަށް އެޑިޓާސް ގިލްޑެއް އުފެއްދުމަކީ ވެސް ކައުންސިލް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ދެކޭ ކަމަށާއި މީޑިޔާ ކައުންސިލް ގާނޫނު އިސްލާހު ކުރުމަށް އެހީތެރިވެދިނުމަށް އެޖަމިއްޔާ އިން ތިބީ ތައްޔާރަށް ކަމަށެވެ.
ރާއްޖޭގެ މީޑިއާ ރެގިއުލޭޓް ކުރެވޭނެ ސެލްފުރް ރެގިއުލޭޓަރީ މެކޭނިޒަމެއް ގާއިމް ކުރެވިފައި ނެތީސް ބްރޯޑްކާސްޓަރުންނަށް ލައިސަން ދޫކުރުމާއި ޕޮއިންޓް ކެނޑުން ފަދަ ކަންތައްތަކާ ހަވާލުވެފައިވާ ބްރޯޑްކާޓް ކޮމިޝަނާ ޕްރިންޓް މީޑިއާ ހަވާލުކުރުމުގެ ވާހަކަ ދެކެވޭތީ އެކަމާ އެމްޖޭއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްޖޭއޭގެ ރައީސް އަހުމަދު ޒާހިރު ]ހިރިގާ[ ވިދާޅުވީ މީޑިއާ ކައުންސިލްގެ މެންބަރުން ގާނޫނާ ހިލާފަށް އެލަވަންސެއް ނެގުމަކީ ކައުންސިލް ކުށްވެރިވާ ކަމެއް ނޫން ކަމަށާއި އެފަދަ ކަމަކާ އަޅުވައި ކައުންސިލް އުވާލާ ވާހަކަ ދެއްކުމަކީ ޒިންމާދާރު ކަމެއް ވެސް ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެފަދަ ކަމަކާ އަޅުވައި ކައުންސިލް އުވާލާ ނަމަ އެއީ މަސް ނުބޭނުމުން ކަނޑު ނުބައި ކުރުން ފަދަ ކަމެއް ކަމަށެވެ.
ހިރިގާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނާ ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމުގެ މަސައްކަތް ހަވާލު ކުރާ ނަމަ އެ ކޮމިޝަންގެ ގާނޫނު ވެސް އިސްލާހު ކުރަން ޖެހޭނެ ކަމަށާއި އަދި އެ ވިސްނުމަށް ޖާގަދޭ ބޭފުޅުންނަށް ފުރުސަތު ދިނުމުގެ ގޮތުން މުޅި ކޮމިޝަން އަލުން އިންތިހާބު ކުރަން ޖެހޭނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރި އިރު، މެންބަރުން އައްޔަން ކޮށްފައި ވަނީ ބްރޯޑްކާސްޓިން މީޑިއާ ރެގިއުލޭޓް ކުރުމަށް އިސްކަންދީގެން ކަމަށްވާތީ ކަމަށެވެ.