24 Feb 2019, 10:29
އެމްޓީސީސީ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ފުލުހުންނަށް މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ، 8:18 ހާއިރު އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު "ސަން" ވިދާޅުވީ، އެމްޓީސީސީގެ ޓަވަރުގައި ހުންނަ އެ ކުންފުނީގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ވަގަށް ނަގައިފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އަދި ސާފު ނުވާ ކަމަށާއި މިހާރު ފުލުހުން "ސީން" ގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
މިއަހަރުގެ މިހާތަނަށް 572 ވައްކަމުގެ ހާދިސާ ފުލުހުންނަށް ވަނީ ރިޕޯޓު ކޮށްފައެވެ. އޭގެ ތެރޭގައި މިމަހު ރިޕޯޓުކޮށްފައިވާ 243 ވައްކަމުގެ ހާދިސާ ހިމެނެއެވެ.