މިދިޔަ ހުކުރު ދުވަހުގެ ރޭ، ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި، ގެއްލުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ހޯދުމަށް ޑައިވިން ރޮބޮޓް ބޭނުން ކުރަން ފަށައިފި އެވެ.

ޑައިވައިން ރޮބޮޓަކީ ކަނޑުމަތީގައި ހިނގާ އެފަދަ ހާދިސާތަކުގައި ގެއްލިގެން ހޯދާ މީހުން، ހޯދުމަށް ކަނޑުގެ އަޑި ބެލުމަށް ބޭނުން ކުރާ ވަސީލަތަކެވެ. ރާއްޖޭގައި އެގޮތަށް ހިނގާ ހާދިސާތަކުގައި މި ވަސީލަތް ބޭނުންކޮށް އުޅެއެވެ.

އެމްއެންޑީއެފްއިން ބުނީ، ޑިންގީގައި ގެއްލުނު ޝިމާ ހޯދުމަށް ޑައިވިން ރޮބަޓް މިހާރު ބޭނުން ކުރަން ފަށައިފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޝިމާ ހޯދުމަށް އެމްައެންޑީއެފް އިން ޑައިވިން ރޮބަޓް ބޭނުން ކުރަނީ -- ފޮޓޯ/ އެމްއެންޑީއެފް

ޑިންގީ ބަންޑުން ޖަހާ ޝީމާ ގެއްލިގެން ހޯދަމުންދާއިރު، ޑިންގީ ދުއްވި އިބްރާހިމް ފަޒީލް ފަތާފައި ގޮސް ކައިރީގައި އޮތް ސިކްސް ސެންސެސް ލާމު ރިސޯޓަށް އެރިއެވެ. އަދި އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ފަޒީލްއާ ހަވާލާދީ، އޭނާގެ ރައްޓެއްސަކު "ސަން" އަށް ކިޔާދިން ގޮތުގައި ޑިންގީ ބަން ޖަހާލުމަށްފަހު، އެންމެ ފަހުން ޝިމާ ފެނުނުއިރު އޭނާ އޮތީ ޑިންގީގެ ޕެޓްރޯލަ ހަމުގައި ބައްދައިގެން ކަމަށެވެ.

ފަޒީލް އެރި ސިކްސް ސެންސެސް ލާމު ރިސޯޓުން އޭނާއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ގެއްލުނު ޝިމާ ހޯދުމުގެ މަސައްކަތުގައި އެ ރިސޯޓުގެ ޑައިވަރުންނާއި އެހެނިހެން މުވައްޒަފުންވެސް ބައިވެރިވިއެވެ.