24 Feb 2019, 10:09
ކަރަކާސް (ފެބްރުއަރީ 24) : ވެނެޒުއެލާއިން އެގައުމުގެ އަވަށްޓެރި ކޮލަންބިޔާއާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފިއެވެ. މިކަން އިއްލާން ކުރައްވަމުން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވީ ކޮލަމްބިޔާއާ ގުޅުންތައް ކަނޑާލީ ވެނެޒުއެލާގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ވެނެޒުއެލާގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ގައުމުގައި ހަމަނުޖެހުން ހިންގުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުންނެވެ.
ކޮލަންބިޔާއަކީ ބަޣާވާތަކުން ވެނެޒުއެލާގެ ވެރިކަން ފޮރޮޅާލަން މަސައްކަތް ކުރައްވާ އިދިކޮޅު ލީޑަރ ޚުވާން ގުއައިޑޯ އަށް ތާއީދުކުރާ ގައުމެކެވެ.
މަދޫރޯ ދެއްވި ބަޔާނެއްގައި ކޮލަމްބިޔާގެ އަމަލުތަކުގެ ސަބަބުން ވެނެޒުއެލާ ސަރުކާރުގެ ކެތްތެރިކަން ކޮޅުންލާފައިވާކަމާއި ކޮލަމްބިޔާގެ އަމަލުތަކާމެދު އިތުރަށް ދެން ކެތް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ކޮލަންބިޔާއާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމާއެކު ވެނެޒުއެލާގެ ޚާރިޖިއްޔާއިންވަނީ ކަރަކާސްގައި ހުންނަވާ ކޮލަންބިޔާގެ ސަފީރާއި އެގައުމުގައި ތިއްބަވާ ކޮލަންބިޔާގެ ޑިޕްލޮމޭޓުން އެގައުމުން ފުރައިގެން ދިޔުމަށާއި ކޮލަންބިޔާގެ އެންބަސީ ބަންދުކުރުމަށް ތިން ދުވަހުގެ މުހުލަތެއް ދީފައެވެ.
ވެނެޒުއެލާއިން މިފިޔަވަޅު އެޅީ އެމެރިކާއިން ވެނެޒުއެލާއަށް ފޯރުކޮށްދިނުމަށް މިހަފްތާގެ ކުރީކޮޅު ކޮލަންބިޔާއަށް ގެންދިޔަ އިންސާނީ އެހީގެ ތަކެތި ސަރަހައްދީ ރޮނގު ހުރަސްކޮށް ގަވައިދާ ޚިލާފަށް ވެނެޒުއެލާއަށް އެތެރެކުރުމަށް ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ކޮލަންބިޔާ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީއެވެ. ވެނެޒުއެލާގެ ސިފައިން ވަނީ އެގައުމާ ކޮލަންބިޔާ ގުޅުވައި ދޭ ސަރަހައްދީ ރޮނގާއި ސަރަހައްދީ ރޮނގާ ގުޅިފައިވާ މަގުތައް ބަންދުކުރުމުގައި ހަތިޔަރާއެކު ހަރަކަތްތެރިވަމުންނެވެ. ނަމަވެސް އެމެރިކާގެ އެއްބާރުލުމާއެކު ކޮލަންބިޔާއިން ގެންދަނީ ވެނެޒުއެލާގެ ސަރުކާރަށް ގޮންޖެހުމަށްފަހު އެގައުމުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ގާނޫނާ ޚިލާފަށް އެތަކެތި ވެނެޒުއެލާއަށް ސްމަގްލިން ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ވެނެޒުއެލާގެ ސަރުކާރުން ވަނީ އެމެރިކާ ކޮލަންބިޔާގެ ކަކޫޓާ ވައިގެ ބަނދަރަށް ފޮނުވާފައިވާ އިންސާނީ އެހީގެ ތަކެތި ވެނެޒުއެލާއަށް އެތެރެކުރުން މަނާކޮށްފައެވެ. ވެނެޒުއެލާގެ ރައީސް މަދޫރޯ ވިދާޅުވެފައިވަނީ އެމެރިކާގެ ބޭނުމަކީ ވެނެޒުއެލާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން ނޫންކަމަށާ އެމެރިކާގެ ބޭނުމަކީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ވެނެޒުއެލާގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ގައުމުގައި ހަމަނުޖެހުން އުފައްދައި އާންމު މަސްލަހަތު ނަގާލުން ކަމުގައެވެ.
އެހީގެ ތަކެތި ގަދަބާރުން ވެނެޒުއެލާއަށް ވެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ބަޣާވާތަކުން ވެނެޒުއެލާގެ ވެރިކަން ފޮރޮޅާލަން މަސައްކަތް ކުރައްވާ އިދިކޮޅު ލީޑަރ ޚުވާން ގުއައިޑޯ އާއި އޭނާގެ ބަޣާވާތަށް ތާއީދުކުރާ ވެނެޒުއެލާގެ ޕާލަމެންޓް ބައެއް މެންބަރުންނާއި އެބޭފުޅުންނަށް ތާއީދުކުރާ ވެނެޒުއެލާގެ ބައެއް އާންމުނެނެވެ.
ވެނެޒުއެލާގެ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާތީ އެހީގެ ތަކެތި ގަދަބާރުން ވެއްދުމުގެ ކަންތައް އިދިކޮޅު ފަރަތްތަކަށް ކާމިޔާބު ވެފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)