ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ބޭއްވޭނެ ފަދަ މާހައުލެއް އެބަ އޮތް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިވަގުތުގެ ހާލަތު އޮތް ގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ނެތުމުން އިންތިހާބު ފަސްކޮށް ދިނުމަށް އެދި އީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެމްބަރު އަކްރަމް "ސަން" އަށް ވިދާޅުވީ، އިއްޔެ ޕީޕީޕއެމް އިން އިންތިހާބު ލަސްކުރުމަށް އެދި ކޮމިޝަންގައި ދަންނަވާފައިވާ ކަމަށާއި ކޮމިޝަނުން މިއަދު އެކަމާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"މިއަދު ކޮމިޝަނުން [އިންތިހާބު ލަސްކުރުމާމެދު] މަޝްވާރާކުރާނެ. ނަމަވެސް ކޮމިޝަނުން ގަބޫލުކުރާގޮތުގައި އިންތިހާބު ލަސްކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް އަދި ރޭވިފައިވާ ގޮތަށް އިންތިހާބުގެ ކަންތައްތައް ކުރިއަށް ދާނެ،"

"ކޮމިޝަނުން ގަބޫލުކުރާގޮތުގައި، އިލެކްޝަން ކޮމިޝަނުން ބޭނުންވާފަދަ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލެއް އެބަ އޮތް،"

މަޖިލިސް އިންތިހާބު ބާއްވަން އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައި ވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ވުމުންނެވެ.

ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ މަނީ އެމަނިކުފާނުގެ ވެރިކަމުގައި އަމިއްލަފުޅު އެކަންޓަށް އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ވަން މައްސަލައިގައި މަނީލޯންޑަރިން ކުރި މައްސަލައިގެ ޝަރިއަތް ނިމެންނެވެ. ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމުގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހުއެވެ.