ދިއްލީ (ފެބްރުއަރީ 24): އިންޑިއާގެ އާސާމުގައި ވިހަ ބަނގުރާއެއް ބޮއިގެން މަރުވި މީހުންގެ އަދަދު 99އަކަށް އަރައިފި އެވެ.

އެހާދިސާ ހިނގާފައި ވަނީ މިދިޔަ ހަފްތާގައި ވިހަ ރާއެއް ބޮއިގެން އުއްތަރަ ޕްރަދޭޝް އާއި އުއްތަރަކަންދުން ގާތްގަނޑަކަށް 100 މީހުން މަރުވި ފަހުންނެވެ.

އާސާމްގެ ގޮލާގަތު ޑިސްޓުރިކްޓުގެ އެޑްމިނިސްޓްރޭޓަރު ދިރެން ހަޒަރިކާ ވިދާޅުވި ގޮތުގައި ވިހަ ރާ ބޮއިގެން ފުރަތަމަ މީހާ މަރުވީ ބުރާސްފަތި ދުވަހެވެ. އަދި އެރާ ބޮއިގެން ބަލިވެފައިވާ 100 މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އެހާދިސާގައި މަރުވި މީހުންނާއި ބަލިވި މީހުންނަކީ ހުސް އެސްޓޭޓުގެ ސައިފަތް ދަނޑުތަކުގައި މަސައްކަތް ކުރާ ފަގީރު މީހުންނެވެ.

ގޮލާގަތު ޑިސްޓުރިކްޓުގެ ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ޕުޝްކަރު ސިންހު ވިދާޅުވި ގޮތުގައި ފުލުހުން ވަނީ ވިހަ ރާ ރައްކާކޮށްފައިވާ ގެއެއް ހޯދާފަ އެވެ. އަދި އެގެއިން ވަނީ އެ ރާގެ ދޮޅު ލީޓަރު ފެނިފަ އެވެ.

އާސާމްގެ އޮފިޝަލުން ވަނީ އެހާދިސާ ތަހުގީގު ކުރަން ކޮމިޝަނެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސްއިން ބުނާ ގޮތުގައި ގަވާއިދާ ހިލާފަށް ކައްކާ ބަނގުރާގެ ސަބަބުން އެގައުމުގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ އަދަދު 1،000އަށް އަރަ އެވެ.