ސަލްމާންހާންގެ ކާމިޔާބު ސީކުއަލް "ދަބަންގް 3"ގެ ޝޫޓިން އަންނަ އޭޕްރިލް މަހު ފަށާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ފިލްމުގެ ޝޫޓިން ފެށުމަށް މިދިޔަ އަހަރު ވެސް ވަނީ ތާވަލްކޮށްފައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ޝޫޓިން ފެށިފައެއްނުވެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަރްބާޒް ޚާން ބުނީ ޝޫޓިން ފަށާ ތާރީހު ޔަގީންވެފައިވާ ކަމަށާއި އެންމެ ފުރަތަމަ ޝޫޓް ކުރާނީ މަހޭޝްވަރުގައި ކަމަށެވެ. އަދި މުމްބާއީގައި ވެސް ޝޫޓިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ސަލްމާން ހާން އާއި ސޮނާކްޝީ ސިންހާ ފިލްމުން ފެނިގެންދާއިރު ދެން ފިލްމުގައި ހަރަކާތްތެރިވާ ތަރިންނެއް އިއުލާންކޮށްފައެއް ނުވެއެވެ.

"ދަބަންގް"ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެއަށް ފަހު 2012 ވަނަ އަހަރު ''ދަބަންގް 2'' ރިލީޒް ކުރި އެވެ.

"ދަބަންގް 3" ބެލުންތެރިންނާ ހަމައަށް އަންނަނީ ހަ އަހަރުގެ ދުވަހުގެ މުއްދަތަކަށްފަހުއެވެ.