11 Oct 2011, 09:10
ޤާހިރާ (އޮކްޓޯބަރ 11) : މިސްރުގެ މުޅި ދައުލަތް ފިތްނައިގެ ނުރައްކަލުގެ ތެރޭގައިވާ ކަމުގެ އިންޒާރު މިސްރުގެ ވަގުތީ ބޮޑުވަޒީރު ޢިސާމް ޝަރަފް ދެއްވައިފިއެވެ.
މިސްރުގެ ސަލާމަތީ ބާރުތަކާއި އެޤައުމުގެ ނަސާރާ ޤިބްތީން ނާދެމެދު މިދިޔަ އާދީއްތަ ދުވަހު ހިނގި ކުރިމަތިލުންތަކެއްގައި އެތަށްބަޔަކު މަރުވި ޙާދިޘާއާ ގުޅިގެން ބޭއްވި ކެބިނެޓްގެ ކުއްލި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރަފް ވިދާޅުވީ މިސްރުގެ ދައުލަތްއޮތީ ޑިމޮކްރަސީއާ ދިމާއަށް ދަތުރުކުރާ އިންތިޤާލީ މަރްޙަލާއެއްގައި ކަމަށާއި މިމަރްޙަލާގައި ނުރައްކާތެރި ފިތްނައިގެ ވަޅުގަނޑަކަށް މިސްރު ވެއްޓޭގޮތަށް އެއްވެސް ފަރާތަކުން ކަންތައް ކޮށްގެން ނުވާނެ ކަމުގައެވެ.
އާދިއްތަ ދުވަހު ހިނގީ ދީނީ ޙައްޤުތަކެއް ހޯދުމުގެ ކަންތައްތަކެއް ނޫން ކަމަށްވެސް ޝަރަފް ވިދާޅުވިއެވެ. އަނެއްކޮޅުން ޤިބްތީން އުފެއްދި ހަމަނުޖެހުންތަކާ ގުޅިގެން ގުޅިގެން ޔޫރަޕްގެ އިއްތިޙާދުން ވަނީ ބައިމަދު ދީނީ އަދި ނަސްލީ ޖަމާއަތްތައް ޙިމާޔަތް ކުރުމަށް މިސްރު ސަރުކާރަށް ގޮވާލާފައެވެ.
މިސްރުގެ އަސްވާންގައި ހުއްދައަކާނުލައި ޤިބްތީން ބިނާކުރަމުން ގެންދިޔަ ނަސާރާ ފައްޅިއެއް ތަޅާލުމަށް ފުލުހުން މަސައްކަތްކުރި މައްސަލާގައި މިސްރުގެ ސަލާމަތީ ބާރުތަކާއި ޤިބްތީން ޒުވާނުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 23 މީހަކު މަރުވެ 183 މީހަކު ޒަޚަމް ވުމާގުޅިގެން މިސްރުގެ ރައްޔިތުންނަށާއި ވަގުތީ ސަރުކާރަށްވަނީ ސިހުން ލިބިފައެވެ.
މަރުވެ އަދި ޒަޚަމްވި މީހުންގެ ތެރޭގައި ޤިބްތީ ޒުވާނުންގެ އިތުރުން މިސްރު ފުލުހުންނާއި ސިފައިންގެ ބައެއް މީހުންވެސް ހިމެނެއެވެ. ޤިބްތީ ޒުވާނުން ފުލުހުންނަށް އޮއްގަލާއި ބިއްލޫރި ފުޅިއާއި ދަނގަޑުބުރި ފަދަ އެއްޗެހިން ޙަމަލާދީ އެހިސާބުގައިވާ ބައެއް ވެހިކަލްތަކުގައި ހުޅުޖަހައި ހަމަނުޖެހުންތައް ހިންގަން ފެށުމުން ސަލާމަތީ ބާރުތަކުންވެސްވަނީ ބަޑިޖަހާފައެވެ. ހަމަނުޖެހުންތަކުގެ މައްސަލާގައި ކަންބޮޑުވާކަން އަލްއަޒްހަރުންގެ ޝައިޚުންނާއި ޤިބްތީންގެ ދީނީ ފަރާތްތަކުންވެސްވަނީ ހާމަކޮށްފައެވެ.
ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ޤިބްތީ ޒުވާނުން، މިސްރުގެ ނަސާރާއިންގެ ޙިމާޔަތަށް ޓަކައި މިސްރަށް ވަދެގަތުމަށް ހުޅަނގުގެ ނަސާރާ ޤައުމުތަކަށް ގޮވާލުމުން މިސްރުގެ ރައްޔިތުންނާއި ސަރުކާރުވަނީ ސިހިފައެވެ. އަދި މިކަން މިސްރުގައި ސިފަކުރަމުން ގެންދަނީ ބޭރުގެ ފަރާތްތަކެއް އަޑީގައި ތިބިގެން މިސްރުގައި ހިންގާ ދާޚިލީ ފިތްނައެއްގެ ގޮތުގައެވެ. ނަމަވެސް ޤިބްތީ ޒުވާނުން މިކަން ދޮގުކުރެއެވެ. އެމީހުންވަނީ ސަލާމަތީ ބާރުތަކުން އާދަޔާ ޚިލާފަށް ހަރުކަށިކަން ދައްކައި ބާރުގެ ބޭނުންކުރި ކަމަށް ތުހުމަތުކޮށްފައެވެ.
އިއްޔެ ހަމަނުޖެހުންތަކަށްފަހު ޤާހިރާގެ ބައެއް ސަރަޙައްދުތަކުގައި މުސްލިމުންނާއި ޤިބްތީންގެ މެދުގައި އިތުރު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. ނަމަވެސް ފުލުހުންވަނީ ދެފަރާތް ކޮންޓްރޯލްކޮށް އެއްވުންތައް ރޫޅާލާފައެވެ. އަދި ހަމަނުޖެހުންތައް ހިންގަން މަސައްކަތްކުރި މުސްލިމުންނާއި ޤިބްތީންގެ އެތަށްބަޔަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. -- އަލްޖަޒީރާ