24 Feb 2019, 08:49
ހުޅުމާލެ ހައިވޭގައި ރޭ 12:30 އެހާކަންހާއިރު ދެ ސައިކަލެއް އެކްސިޑެންޓްވެ ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، ރޭ ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލް ހައިވޭގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުން ޖެހި އެކްސިޑެންޓްވެ، ތިން ފިރިހެނަކާއި އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.
އަނިޔާވެފައި ވަނީ، އެއް ސައިކަލުގައި އިން 20 އަހަރުގެ ފިރިހެނަކަށާއި 21 އަހަރުގެ އަންހެނަކަށެވެ. އަދި އަނެއް ސައިކަލުގައި އިން 54 އަހަރުގެ ފިރިހެނަކަށާއި 50 އަހަރުގެ ފިރިހެނަކަށެވެ.
"ހަތަރު މީހުން ވެސް ގައިގެ އެކި ތަންތަނުން މަށައިގެންގޮސް އެކިވަރުގެ އަނިޔާވެފައިވޭ،" ފުލުހުން ބުންޏެވެ.
އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށާއި ނަމަވަސެ އެ ހަތަރު މީހުންނަށް ވެސް ހޮސްޕިޓަލުގައި އަދި ވެސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މަހު މިހާތަނަށް ރާއްޖޭގައި 165 އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.