މި މަހު ހަތަރެއްގައި ޕްރިމިއާކުރި ދިވެހި ފިލްމު "ގޮށްރާޅު"ގެ ވަދާއީ ޝޯތައް އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

ފިލްމުގެ ވަދާއީ ޝޯތައް ދައްކާނީ މިހަފްތާގެ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 21:00ގައެވެ. ވަދާއީ ޝޯތަކުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަން ފަށާފައިވާއިރު އެ ފިލްމުގެ ޖުމްލަ 30 ޝޯ ވަނީ ދައްކައިފައެވެ. އަދި 21 ޝޯ ވަނީ ހައުސްފުލް ވެފައިކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ކުޅަދާނަ ވިޝުއަލް އިފެކްސްޓް އަދި ސިނެމަޓޯގްރަފާ އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ޑާކްރެއިންއިން ވެސް މީގެ ކުރިން ގެނެސްދީފައިނުވާ ޖޯންރާއެއްގެ ފިލްމެކެވެ. ވަރުގަދަ ކްރައިމް ތްރިލާއެކެވެ.

ފިލްމަށް ގިނަ ބަޔަކު ތައުރީފުކުރަމުން އަންނައިރު އެ ފިލްމަކީ ހަގީގަތުގައި ވެސް ބްލޮކްބަސްޓާއެކެވެ. މާސްޓަޕީސްއެކެވެ.

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މުޖުތަމައުގައި މިއަދު އާންމުވެފައިވާ މައްސަލައަކަށް "ގޮށްރާޅު" ވަނީ އަލިއަޅުވާލާފައެވެ. މުޖުތަމައުގައި މަދުން ނަމަވެސް މިއަދު ހިނގާ ހިތްދަތި އެ ހާދިސާއަށް ފިލްމު ވަނީ އަލިއަޅުވާލައިފައެވެ. މިއަދުގެ މުޖުތަމައު އެފަދަ ފިލްމަކަށް ބޭނުންޖެހިފައި އޮއްވާ އެފަދަ ފިލްމެއް ބެލުންތެރިންނަށް މިވަނީ ގެނެސްދީފައެވެ.