24 Feb 2019, 08:35
މިދިޔަ އަހަރުގެ ފެބުރުއަރީ 24 ވަނަ ދުވަހު ބޮލީވުޑް ސުޕަސްޓާ ސްރީދޭވީ މި ދުނިޔެ ދޫކުރީ މުޅި ބޮލީވުޑް އަދި ހިންދީ ފިލްމަށް ލޯބިކުރާ އެންމެން ރޮއްވާލައިފަ އެވެ. ތިމާގެ މީހެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ދުބާއީ އަށް ދިޔަ ސްރީދޭވީގެ ފުރާނަ ނެތް މަސްގަނޑު އަނބުރާ އިންޑިއާއަށް ގެންދަން ޖެހިދާނެ ކަމަށް މީހެއްގެ ވިސްނުމަށް ވެސް ނުގެނެވެ އެވެ.
އުމުރުން އެންމެ ހަތަރު އަހަރުގައި ފިލްމީ ދާއިރާއަށް ނުކުތް ސްރީދޭވީ މަރުވީ ދުބާއީގައި އޭނާ ހުރި ހޮޓެލްގެ ފާޚާނާ ތެރޭގައި ހުރި ބާތުޓަބެއްގެ ތެރެއަށް ގެނބިގެންނެވެ. ސްރީދޭވީ ދުނިޔޭގައި ނެތް ނަމަވެސް އޭނާގެ ހަނދާންތައް އަބަދު ވެސް ދިރިހުންނާނެ އެވެ.
ޚާއްސަކޮށް ސްރީދޭވީގެ ދޮށީ ދަރި، ޖާންވީގެ ހިތުގަ އެވެ. ސްރީދޭވީ މަރުވިތާ މިއަދަށް އަހަރެއް ފުރޭ އިރު ޖާންވީ ވަނީ މަންމަގެ ހަނދާން އާކޮށްފަ އެވެ. ބަތަލާ ޖާންވީ ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ ހިތް އަބަދުވެސް މަންމަގެ ހަނދާންތަކުން ފުރާލާފައިވާ ކަމަށެވެ.
ޖާންވީ ބުނީ އޭނާގެ ހިތަށް ދުވަހަކުވެސް ލުއި ކަމެއް ނުލިބުނު ނަމަވެސް، އޭނާގެ ހިތުގައި މަންމަގެ ހަނދާންތައް ފުރިފައިވާތީ އޭނާ ހުންނާނީ އުފަލުން ކަމަށެވެ.
ޖާންވީގެ ޕޯސްޓަށް ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން އަންނަނީ ކޮމެމްޓު ކުރަމުންނެވެ.
ފިލްމީ ދާއިރާގައި ސްރީދޭވީ ވަނީ 50 އަހަރު މަސައްކަތްކޮށްފަ އެވެ. އޭނާ އަކީ 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ރަނިކަން ކުރި ފަންނާނެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި ފިލްމީ ކެރިއަރު ފެށި ސްރީ ދޭވީ ވެގެން ދިޔައީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަސްޓާރަށެވެ.
ސްރީދޭވީ 275 ފިލްމު ކުޅެފައި ވާއިރު، މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަ ކުރުމަށް ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.
ސްރީދޭވީގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ"، 'ޗާލްބާޒް'، "'ނާގިން"، "ސަދްމާ" ފަދަ ފިލްމުތައް ހިމެނޭ އިރު، އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 2017 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "މޮމް" އިންނެވެ. އެ ފިލްމުން އޭނާއަށް ވަނީ މޮޅު އެކްޓަރުގެ އެވޯޑު ވެސް ލިބިފަ އެވެ.