ފުލުހުންގެ މުއައްސަސާގައި ގާނޫނާ ހިލާފަށް އަމަލުތަކެއް ކޮށްފައި ތިބި ފުލުހުންނަށް ފިޔަަވަޅު އަޅަމުންދާ ކަމަށް އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާގައި ފުލުހުންގެ ގާނޫނާ ގާނޫނުއަސާސީއާ ހިލާފަށް އަމަލުތަކެއް ކުރި ފުލުހުން ތިބޭ ކަމަށް ބުނެ ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. އެކްޓިންގް ޕޮލިސް ކޮމިޝަނަރު ހަމީދު "ސަން"އަށް ދެއްވި އިންޓަވިއުގައި އެކަމާ ގުޅިގެން ސުވާލު ކުރުމުން ވިދާޅުވީ ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ފުލުހުންގެ ހުވާކޮށްގެން އެ ވަޒީފައި އުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާ ހިލާފުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

"ފުލުހުން ކޮށްފައި ހުރި ގޯސް ކަންތައްތައް. ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާއި އަދި ބައެއް ގާނޫނުތަކާއި ފުށުއަރާގޮތަށް ނުވަތަ ހިލާފަށް ކޮށްފައި ހުރި ފަރާތްތަކާ ދޭތެރޭގައި އަޅުގަނޑުމެން މިދަނީ ފިޔަވަޅު އަޅަމުން އަދި އަޅާފައިވެސް އެބަހުރި،" އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

25 ޖުލައި 2016: އެއްވުމެއްގެ ތެރޭގައި ފުލުހުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހަމީދު ވިދާޅުވީ ފުލުހުން ގާނޫނާ ހިލާފަށް އަމަލުކޮށްގެން ބައެއް މިނިވަން މުއައްސަސާތަކަށް ހުށަހަޅާފައި ހުރި މައްސަލަތަކުގެ ތަހުގީގުތަކުގައި ފުލުހުން ގާނޫނާ ހިލާފަށް ހިންގި ކަންކަން ފުރިހަމައަށް ހާމެވެފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މުއައްސަސާތަކުން އެމައްސަލައެއް އަލުން ބަލަން ބޭނުން ނަމަ އެކަމަށް ފުލުހުންގެ މުއައްސަސާއިން އެއްބާރުލުން ދޭނެކަމަށް ހަމީދު ވިދާޅުވިއެވެ. އަދި ފުލުހުން ގާނޫނާ ހިލާފުވެގެން ދޭންޖެހޭ އަދަބެއް ދިނުމަށް އޭނާ ހުރަހަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ފުލުހަކާ ދޭތެރޭގައި މިތަނުގައި އޮންނަ އުސޫލުގެ ތެރެއިން އަޅާ ފިޔަވަޅެއް. އިންސާފުވެރިކަމާއެއްކޮށް މިތަނުގައި ހަމަޖެހިފައި އޮންނަ އުސޫލުތަކާއި ގަވައިދުތަކާއި އިދާރީ ކުށްތަކާއި އެއްކުއްތަކަށް ދެވޭ އަދަބުތަކާއި ގުޅިގެން މި އޮންނަ މެކޭނިޒަމް ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކަށް އަޅުގަނޑު ހުރަހަކަށްވެސް ނުވާނަން ފަހަކަށްވެސް ނުޖެހޭނަން." އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ފުލުހުން ގާނޫނާ ހިލާފުވެގެން އަޅަން ޖެހޭ ފިޔަވަޅެއް ނާޅައިފިނަމަ މިހާރަށްވުރެ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ހީނަރުވެގެން ދާނެ ކަމަށެވެ. އެހެންވީމަ އެކަމަށް ޖާގަ ނުދެއްވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

"ފުލުހުންނަށް ފިޔަވަޅު އަޅަން ކޮމިޝަނަރަށް ދީފައި އޮތް ބާރު އުވާލައިފިން"

ޖުލައި 24، 2017: މުޒާހަރާއެއް ކޮންޓުރޯލް ކުރަން ހަރަކާތްތެރިވި ފުލުހުންތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުން ވަޒީފާއިން ވަކިކުރުމުގެ އުސޫލު އެންމެ ފުރަތަމަ އެކުލަވާލި އިރުވެސް ފުލުހުންގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުން އޮންނަނީ ފުލުހުންގެ އިދާރާގައި އޮންނަ ވަކި ކޮމިޓީއަކާ ހަވާލުކޮށްފައެވެ. އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް ހަމީދު ވިދާޅުވީ އެ އުސޫލަށް ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ބަދަލެއް ގެނެސްފައި އޮތް ކަމަށެވެ. އެއީ ފުލުހުން ވަޒީފާއިން ވަކިކުރުމުގެ ބާރު ޕޮލިސް ކޮމިޝަނަރަށް ދޭގޮތަށް ކަމަށް ވިދާޅުވިއެވެ.

"ކޮމިޝަނަ އޮފް ޕޮލިސްއަކަށް ނުވަތަ ހޯމް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ނުފޫޒު ފޯރުވައިގެނެއް ފުލުހުންގެ މައްޗަށް ފިޔަވަޅު އަޅަން ނާޅަން އެކަން ކަމެއް ނުނިންމޭނެ. އެކަން ވާނީ މިހާރު ޔަގީންކޮށްފައި. އަޅުގަނޑެއް ހަމަގައިމުވެސް ހާއްސަކޮށް ރައްޔިތުން އަޅުގަނޑުމެންނާ ދޭތެރޭގައި އިތުބާރު އެއްވެސް ވަރަކަށް ފަޑުކަމެއް ހީނަރު ކަމެއް އައިސްފާނެ ގޮތަކަށް އަމަލެއް ނުކުރާނަން." އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ފުލުހަކު ކުރި ނުވަތަ ކުރާ ގޯސްކަމެއްގެ މަތިއަޅައި ފޮރުވާ މީހަކަށް އޭނާ ނުވާނެ ކަމަށެވެ. އަދި ގާނޫނާ ހިލާފު އަމުރެއް ފުލުހެއްގެ މައްޗަށް ނުކުރާނެ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.