އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރަން ޖެހޭ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިވަގުތުގެ ހާލަތު އޮތް ގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ނެތުމުން މަޖިލިސް އިންތިހާބު ފަސްކޮށް ދިނުމަށް އެދި އީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް "ސަން"އަށް ވިދާޅުވީ، އަބްދުއްރަހީމް ވިދާޅުވި ސިޓީ އީސީއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އިންތިހާބު ފަސް ކުރަން ޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޝަނުން ގަބޫލު ކުރާ ގޮތުގައި އިންތިހާބު ފަސް ކުރަން ޖެހޭ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް،"

"އަދި ހަމަ އޮތީ ހައެއް އޭޕްރިލްއަށް ތާވަލުކޮށްފައިވާ ގޮތަށް [އިންތިހާބު] ކުރިއަށްދާ ގޮތަށް،" އަކުރަމް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބާއްވަން އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައި ވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ވުމުންނެވެ.

ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން އެމަނިކުފާނުގެ އިސްލާމިކް ބޭންކު އެކައުންޓަށް ޓްރާންސްފާ ކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި މައްސަލައިގެ ޝަރިއަތް ނިމެންނެވެ. ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.