24 Feb 2019, 08:25
ރީތިވާން ބޭނުންވާ ތަފާތު ސާމާނު އުފައްދާ ޑަވް ކުންފުނިން ބުނާ ގޮތުގައި ދަރިއަކު ލިބުމުން، މުސާރައިން ނުކެނޑޭ ގޮތަށް ޗުއްޓީ ލިބެނީ އެމެރިކާގެ އެންމެ 15 ޕަސެންޓު ބައްޕައިންނަށެވެ. ނަމަވެސް މިހާރު އެކުންފުނިން ވަނީ 'ޕެއިޑް ޕެޓާނިޓީ ލީވް'ގެ މުހިއްމު ކަމަށް އަލި އަޅުވާލުމުގެ ގޮތުން ކެމްޕެއިނެއް ފަށައިފަ އެވެ.
ޑަވްގެ ވެބްސައިޓުގައިވާ ގޮތުން އެ ކުންފުނީގެ "ޕެޓާނިޓީ ލީވް ފަންޑު" ލޯންޗުކޮށްފައި ވަނީ ޕެއިޑް ޕެޓާނިޓީ ލީވް ނުލިބޭ އެމެރިކާގެ ބައްޕައިންނަށް އެ ފުރުސަތު ދިނުމަށް ޓަކައި، އެމީހުންނަށް ފައިސާގެ އެހީ ދިނުމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރު ތެރޭ އެއް މިލިއަން ޑޮލަރުގެ އެފަންޑަށް އެޕްލައި ކުރާ ފަރާތްތަކުގެ ތެރެއިން، އެކުންފުނިން ހިޔާރު ކުރާ ބައްޕައިންނަށް 5،000 ޑޮލަރު ދޭނެ ކަމަށް ޑަވްއިން ބުންޏެވެ.
"ޕެޓާނިޓީ ލީވް ނެގުމަކީ އާއިލާތަކަށާއި، ވަޒީފާ އަދާ ކުރާ ތަންތަނަށާއި، މުޖުތަމައަށް ވެސް ފައިދާ ހުރި ކަމެއް،" އަލަށް އުފަންވާ ދަރިފުޅު ކައިރީ ބައްޕަ ވަގުތު ހޭދަ ކުރުމަށް ޓަކައި މުސާރަ ގުރުބާން ކުރަން ނުޖެހޭނެ ކަމަށް ބުނެ ޑަވްގެ ވެބްސައިޓުގައިވެ އެވެ.
ޑަވްގެ ފަންޑަށް އެޕްލައި ކުރަނީ އޮންލައިން ފޯމަކުންނެވެ. އަދި ފޯމު ހުށަހަޅާ މީހުންގެ ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމެރިކާ މީހަކަށް ވުމާއި ދަރިއަކު ލިބެން އުޅޭކަން ޔަގީންވެފައި ވުމާއި ދަރިއަކު ލިބިފައިވާ ނަމަ އެއީ އަށް މަހަށް ވުރެ ކުޑަކުއްޖަކަށްވުމާއި ވަޒީފާ އަދާ ކުރާ ތަނަކުން ލިބޭ ޕެއިޑް ޕެޓާނިޓީ ލީވްއަކީ 10 ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަކަށްވުން ހިމެނެ އެވެ.