ޑާކާ (އޮކްޓޯބަރ 11) : ބަންގްލަދޭޝްގެ އިދިކޮޅު ނެޝަނަލް ޕާޓީއާއި އެޕާޓީއާ ގުޅިފައިވާ ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ފަށައިފިއެވެ. ވެރިރަށް ޑާކާގައި އިއްޔެ ފެށި މިމުޒާހަރާތައް ލީޑްކޮށްފައިވަނީ ކުރީގެ ބޮޑުވަޒީރާ އަދި މިހާރުގެ އިދިކޮޅު ޒަޢީމާ ބޭގަމް ޚާލިދާ ޒިޔާއެވެ.

މިމުޒާހަރާތަކުގެ ބޭނުމަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ޓެކްނޮކްރޭޓުންގެ ސަރުކާރެއްގެ ބެލުމުގެ ދަށުން ކުރިޔަށްއޮތް އާންމު އިންތިޚާބު ބޭއްވުމަށް ސަރުކާރަށް މަޖްބޫރު ކުރުވުން ކަމަށާއި މިކަމަށްޓަކައި ބަންގްލަދޭޝްގެ ހުރިހާ ކަންކޮޅުތަކެއްގައި މުޒާހަރާކުރުމާއި ހަޅުތާލުކުރުމަށް ރޭވިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުގެ ގުޅިފައިވާ އިއްތިޙާދުންބުނެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރާ ޝައިޚް ޙަސީނާގެ ޕާޓީގެ އަޣްލަބިއްޔަތު އޮންނަ ޕާލަމެންޓުންވަނީ ޕާޓީއަކަށް ނިސްބަތްނުވާ ސަރުކާރެއްގެ ބެލުމުގެ ދަށުން އާންމު އިންތިޚާބު ބޭއްވުމަށް ބުނާ މާއްދާ ބަންގްލަދޭޝްގެ ޤާނޫނު އަސާސީން އުނިކޮށްފައެވެ. ޝައިޚް ޙަސީނާގެ ސަރުކާރުގެ ބެލުމުގެ ދަށުން އިންތިޚާބު ބާއްވައިފިނަމަ ވޯޓުގައި މަކަރުހަދާނެ ކަމަށް އިދިކޮޅު އެލަޔަންސުން ބުނެއެވެ.

ބޭގަމް ޚާލިދާ ޒިޔާ ވިދާޅުވީ މިމައްސަލަ ޙައްލުވަންދެން މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން ނޫންގޮތަކަށް ބާއްވާ ޢާންމު އިންތިޚާބެއްގައި ބައިވެރި ނުވުމަށް އިދިކޮޅު ޕާޓީތަކުން ނިންމާފައިވާ ކަމުގައެވެ. ބަންގްލަދޭޝްގެ ޢާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2014 ވަނަ އަހަރުއެވެ. -- ރޮއިޓާސް