23 Feb 2019, 17:18
ދަރިވަރުންނަށް އުފަލުގައި ކިޔެވޭނީ މާހައުލެއް ފަހިކޮށްދިނުމަށް ބުލީ ކުރުމުގެ ސަގާފަތް ނެތިކޮށްލަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.
ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަހާސިންތާ އިފްތިތާޙު ކޮށްދިނުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ، މި ޤައުމު މިވަނީ މިއިން ޒަމާނަކު ބޭނުންނުވާ ވަރަށް އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި އިހްސާންތެރިވުމާއި ކަމޭހިތުމާއި އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަތުމުގެ ސިފައާއި އަޚްލާގަށް ބޭނުންވެފައި ކަމަށެވެ.
ދަރިވަރުންނަށް ކަންކަމާމެދު ވިސްނާ ފިކުރުކުރަން ދަސްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށާއި، ތަފާތު ނަޒަރުން އެކިއެކި ކަންކަމާމެދު ސުވާލުކުރުމަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ފަސްޓްލޭޓީ ފަޒްނާ ފާހަގަކުރެއްވި އެވެ.

ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަހާސިންތާގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
މީގެ ކުރިން ސުކޫލްތައް ފެށުމުގެ ކުރުން އެސެމްބްލީގައި ކިޔާ ލަވައަށް އިޝާރާތް ކުރައްވައި ފަޒްނާ ވިދާޅުވީ އެ ލަވައިން ދޭހަވާ މައުގަނޑު ދެ ކަމެއް އޮންނަ ކަމަށެވެ. އެއީ އުފަލުގައި ކިޔެވުމާއި ސިފަތަކުން ޒީނަތްތެރިވުން ކަމަށެވެ. އަދި އެ ދެ ކަންތަކަކީ ރާއްޖޭގެ ގައުމީ މަންހަޖު މުރާޖައާ ކުރާއިރު ވިސްނަން ޖެހޭ ދެ ކަން ކަމުގައި ފަޒްނާ ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނު އަސާސީބުނާ ގޮތުން އެއްވެސް ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށް ވެސް އުނގެނުމުގެ ހައްގު ލިބިގެންވާކަން ފަޒްނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމަށެވެ. އެގޮތުން ތަފާތު އެހީތެރިކަމަށް ބޭނުންވާ ކުދިންނާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުން ވެސް ހިމެނޭނެ ކަން ފަޒްނާ ފާހަގަ ކުރެއްވި އެވެ.

ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަހާސިންތާގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
"އުފަލުގައި އެ ދަރިވަރަކަށް ކިޔެވޭނީ އެދަރިވަރަކަށް ފަސޭހަ ގޮތައް އުގައްނައި ދީގެން އަދި މާހައުލު ވެސް ބައްޓަން ކޮށްދީގެން. ހަމަ އެއާއި އެކު އުފަލުގައި ދަރިވަރުންނަށް ކިޔެވޭނެ މާހައުލެއް ތަނަވަސް ކޮށްދޭން ޖެހޭ،" ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވި އެވެ.
ދަރިވަރުން ދަސްކުރުއިރު ކުށް ޖެހޭނެ ކަން ފާހަގަކުރައްވައި ފަސްޓްލޭޑީ ވިދާޅުވީ، ކުށް ޖެހުމުން ހީ މަލާމާތް ކުރުމުގެ ބަދަލުގައި އެކުށް ދެނެގަނެ ރަނގަޅު ކުރުވައި އެއީ އެގެނުމުގެ ފުރުސަތަކަށް ހަދައިދޭން ޖެހޭ ކަމަށެވެ.
"ކުލާހުގެ އެންމެ ގިނައިން މާކުސް ލިބޭ ކުއްޖާ އާއި އެންމެ މަދުން މާކްސް ލިބޭ ކުއްޖާއާ އެންމެ ވަލްނަރަބުލް ކުއްޖާއާ މެދު ހަމަހަމަ ކޮށް އެއް އުސޫލަކުން އަމަލު ކުރަން ޖެހޭނެ. އަދި ބުލީ ކުރުމުގެ ސަގާފަތް ނައްތާލަން ޖެހޭނެ،" ފަޒަނާ ވިދާޅުވި އެވެ.