އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބް ފަސްކޮށް ދިނުމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އިލްކްޝަން ކޮމިޝަން (އީސީ) ގައި އެދިއްޖެ އެވެ.

ޕީޕީއެމް ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕާލަސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިވަގުތުގެ ހާލަތު އޮތް ގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ނެތުމުން މަޖިލިސް އިންތިހާބު ފަސްކޮށް ދިނުމަށް އެދި އީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވާނީ ސިޓީއެއް ފޮނުވާފައި ކަމަށެވެ.