23 Feb 2019, 14:13
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ވަކި ބަޔަކަށް ފައިދާ ވާގޮތަށް ކަންތައްތަކެއް ކޮށްދޭނަމޭ ބުނުމަކީ ރިޝްވަތުގެ އަމަލެއް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
މަޖިލިސް އިންތިހާބާ ގުޅިގެން އިލެކްސަން ކޮމިޝަނުން މިއަދު ބާ ޖަމާލުއްދީނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިހާބަށް އިއުލާނު ކުރާ ހިސާބުން ފެށިގެން ދާއިމީ ނަތީޖާ އިއުލާނު ކުރުމާއި ހަމައަށް ކެނޑިޑޭޓަކު ވަކި ކަމެއް ކޮށްދޭން ބުނުމަކީ ރިޝްވަތުގެ އަމެލެއް ކަމަށް މިހާރު ގާނޫނު އޮންނަ ގޮތުން ބެލެވޭނެ ކަމަށެވެ.
"މިސާލަކަށް ތިމަންނަ ފަޅު ފުންކޮށްދޭނަމޭ ފުޓްސަލް ދަނޑެއް އަޅައި ދޭނަމޭ ތިމަންނަ ޕާކެއް ހަދައި ދޭނަމޭ މިކަހަލަ ވާހަކަ ކެންޑިޑޭޓުންނަށް ނުބުނެވޭނެ. މިވަނިކަމެއް ތިމަންނަ މިވަނި ރަށެއްގެ ބަޔަކަށް މިވަނި ޖަމިއްޔާއަކަށް މިވަނި ތަނަކަށް ނުކޮށް ދެވޭނެ. އެ ވައުދެއް ނުވެވޭނެ. އެއީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުނު ކަމަށް ބެލެވޭ މިހާރު ގާނުނު އޮންނަ ގޮތުން،"
"މިސާލަކަށް ކޯހަށް ކުދިން ފޮނުވުން ނޫނިއްޔާ އެކަހަލަ ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް ނުވަތަ ވަކި ޖަމާއަތަކަށް ފައިދާއެއް ވާނެ އެއްވެސް ކަމެއް ކޮށްދޭނަމޭ ބުނުމަކީ އެއީ ހަމަ ކަނޑައެޅިގެން އިންތިހާބާ ބެހޭ ގާނޫނު އޮންނަ ގޮތުން މަނާ ކަމެއް،"
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑުވައިޒަރީ ކޮމެޓީގެ މެންބަރު އަދި އޭސީސީ ގެ ނައިބް ރައީސް މުއައްވިޒު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބާއި ގުޅޭ ގޮތުން އުފައްދާފައިވާ އެޑުވައިޒަރީ ކޮމެޓީގެ މެންބަރު އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ކެންޑިޑޭޓުން އަމަލުކުރާނެ ވަކި ހާއްސަ ސުލޫކީ މިންގަނޑުތަކަކާއި ގަވާއިދުތަކެއް އެބަހުރި ކަމަށާއި އަދި ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ކުރާ ކަމެއްގެ ސަބަބުން ކުށެއްގެ ގޮތުގައި ބެލެވިދާނެ ކަންކަންވެސް ގަނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
"މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ތާއީދު ހޯދުމަށްޓަކައި މަސައްކަތްކުރަމުން ދާއިރު މި ގާނޫނުގައި ބުނާ ބައެއް ކަންތައްތަކަށް ފުށުއަރާގޮތަށް ބައެއް ކަންތައްތައް ކުރާކަމުގެ ޝަކުވާތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ލިބެމުންދާތީ ކެންޑިޑޭޓުންގެ ސަމާލުކަމަށްޓައި އެކަން ފާހަގަކޮށްލަން ބޭނުން،" މުއައްވިޒު ވިދާޅުވިއެވެ.
އެގޮތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ހަތަރު ފަރާތަކާއި ގުޅޭ ޝަކުވާއެއް އޭސީސީއަށް ހުށަހަޅާފައިވާކަން މުއައްވިޒު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ތިން ޝަކުވާގެ ތެރެއިން އެއް މައްސަލަ ބަލާ ނިންމާފައިވާ ކަމަށާއި އެ މައްސަލަ ގާނޫނުގައި ބުނާ ހާލަތަކަށް ނުފެތޭ ކަމަށެވެ. އެއީ މައްސަލައަކީ ކެންޑިޑޭޓުކަން އިއުލާންކުރުމުގެ ކުރިން އެ ފަރާތެއް ކޮށްފައިވާ ކަމަކަށް ވާތީ ކަމަށް މުއައްވިޒް ވިދާޅުވިއެވެ. އަނެއް ތިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން މުއައްވިޒު ފާހަގަ ކުރެއްވިއެވެ.