24 Feb 2019, 12:25
"ފުލުހުންގެ ކޮންމެ މީހަކު ރައްޔިތުންނާ މަގުމަތން ބައްދަލުވާ ކޮންމެ ހާލަތެއްގައި ވެސް ފުރުސަތެއްގައި ވެސް ރީތި ބަހުރުވައިން ވާހަކަ ދެއްކުން. އިހުތިރާމް އަދާކުރުން. ހިދުމަތެއް ދިނުމުގެ ރޫހުގައި މަސައްކަތްކުރާ ފުލުހެއް ތިމާއަކީ އެފަދަ ފުލުހެއްކަން ދައްކުވައިދިނުން އެއީ ފުރަތަމަ ފަށަން ޖެހޭ ހިސާބަކީ،" ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ހޯދަން ކުރަނީ ކޮންކޮން މަސައްކަތެއްތޯ ސުވާލު ކުރުމުން އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ފުރަތަމަ ވެސް ވިދާޅުވީ މިހެންނެވެ.
ވޭތުވެ ދިޔަ އަހަރު ތަކުގައި ފުލުހުންގެ އަމަލުތައް ފުލުހުންގެ މުއައްސަސާގެ ވެރިންގެ އަމަލުތައް ހުރިގޮތުން ރައްޔިތުންގެ މެދުގައި ފުލުހުންނަށް ކުރާ އިތުބާރު އޮތީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެކަން ހަމީދު ވެސް ގަބޫލުފުޅު ކުރެއްވިއެވެ. އަދި އޭނާގެ ނަޒަރުގައި އެކަން އެހެން ދިމާވާން ދިމާވި ސަބަބުތައްވެސް ކިޔައިދިނެވެ.
"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަމީދު ވިދާޅުވީ މިއަދު ފުލުހުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެ ގޮންޖެހުންތައް ކުރިމަތިވެފައިވަނީ ފުލުހުންގެ ކިބައިންވެސް ގަބޫލުނުކުރެވޭ ކަންތައްތަކެއް ފެނިފައި ހުރުމުން ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި ހާއްސަކޮށް ފުލުހުންގެ މުއައްސަސާ ލީޑުކުރުމަށް ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ފަރާތްތަކުން ޕޮލިސް ސާވިސްގެ މެންޑޭޓު އަދާ ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައި އޮތުގެ ސަބަބުންވެސް ފުލުހުންނަށް މިއަދު ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
"ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ފުލުހުންގެ މުއައްސަސާއެއް މަސައްކަތްކުރަން ޖެހޭ ބީދައިން މަސައްކަތް ނުކުރެވި ދިޔަތަން އަޅުގަނޑުމެންނަށް ފާއިތުވި ތަނުގައި ތަޖުރިބާ ކުރެވިފައި ވަނީ. އެ ތަޖުރިބާގެ އަލީގައި އަޅުގަނޑު މިއަދު ފަށާފައިމިވާ މަސައްކަތަކީ ކަންކަން ރަނގަޅު ކުރުން." އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.
ޕޮލިސް ރިފޯމުގެ މަސައްކަތް
ފުލުހުންގެ ރިފޯމުގެ މަސައްކަތަށް މިހާރު ވަނީ އެ މުއައްސަސާގައި ޑިޕާޓްމެންޓެއް އުފައްދައިފައެވެ. އެ ޑިޕާޓްމެންޓުން މިހާރު ކުރަމުންދާ މަސައްކަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ މުއައްސަސާ ހިނގާނެ ގޮތުގެ ސްޓެރެޓެޖިކް ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް ކުރުން ކަމަށް އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.
ފަސް އަހަރުގެ ޕްލޭން އެކުލަވާލަނީ ދައުލަތުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ވެސް ހިޔާލު ހޯދައިގެން ކަމަށް ހަމީދު ވިދާޅުވިއެވެ.
"މި ޕްލޭން އަޅުގަނޑުމެން މި އުންމީދު ކުރަނީ މިއަހަރުގެ މާޗް 31ގައި ލޯންޗުކުރުމަށް. އަދި މި ޕްލޭން އެކުލަވާލުމާ އެކު ނިންމާލެވުނީކީއެއް ނޫން. ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ހިންގަން ޖެހޭ ހަރަކާތްތައް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އަޅުގަނޑުމެން ވަރަށް ކައިރިން މޮނިޓަކޮށް ބަލަމުން ގެންދާނަން." އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.
މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ފުލުހުން --- ސަންފައިލް ފޮޓޯ
ހަމީދު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ މުއައްސަސާ ހިނގާ ގޮތް އެކުލަވާލާ ސްޓްރެޓެޖިކް ޕެލޭން ހިނގާގޮތް މޮނިޓަ ކުރުމަށް މިނިވަން ކޮމިޓީއެއް އެކުލަވާލާނެ ކަމަށެވެ. އަދި އެ ކޮމިޓީގައި ހިމެނޭނީ ފުލުހުންގެ މަސައްކަތާ ގުޅުންހުރި ފުލުހުންގެ މުއައްސަސާއިން ބޭރު މީހުން ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި އެ ކޮމިޓީގެ މަސައްކަތުގައި ހިއްސާވުމަށް ރައްޔިތުންގެ ތެރެއިންވެސް ބަޔަކަށް ދައުވަތުދޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
ރިފޯމެއް ބޭނުންވަނީ ކީއްވެ؟
ފުލުހުންގެ މުއައްސަސާ ރިފޯމް ކުރަން ޖެހެނީ ކީއްވެތޯ ސުވާލު ކުރުމުން ހަމީދު ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެ ޑޮމިކްރެޓިކް ޓްރާންސިޝަނެއްގައި ހޭދަކޮށްފައި ވާއިރު އެ ދަތުރުގެ މުހިންމު މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވެފައިވާ ކަމަށެވެ. އެކަންކަމުގެ ތެރޭގައި ފުލުހުންނަށް ގޮންޖެހުންތަކެއްދިމާވެފައި ހުރިކަން ހަމީދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ވޭތުވެ ދިޔަ ތަނުގައި ފުލުހުންގެ މުއައްސަސާއިން ކޮށްފައި ހުރި ބައެއް ކަންކަމަކީ ރައްޔިތުންނަށް ބަލައި ނުގަނެވޭނެ ކަންކަން ކަމަށެވެ.
"ފުލުހުންގެ މުއައްސަސާއިން ކުރެވިފައި ހުރި ކަންކަމުގެ ސަބަބުން ރައްޔިތުން އަޅުގަނޑުމެންނާ ދޭތެރޭ ވަރަށް ބޮޑު ޝައްކުތަކެއް ކުރަމުންދާކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އަދި އެއާއެކު ރައްޔިތުން ފުލުހުންގެ މުއައްސަސާއެއްގެ މައްޗަށް އޮންނަން ޖެހޭ އިތުބާރާ ޔަގީންކަން ވަރަށް ބޮޑަށް ކުޑަވެފައި ހީނަރުވެފައި މިއޮތީ." އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.
އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފުލުހުންގެ މުއައްސަސާއަށް ރިފޯމެއް ބޭނުން ވަނީ ރައްޔިތުންގެ އިތުބާރު ކަށަވަރުކޮށްދީ އެ މުއައްސަސާގެ ކަންކަން ރަނގަޅު ކުރުމަށް ކަމަށް ހަމީދު ވިދާޅުވިއެވެ. އޭގެ އިތުރުން ފުލުހުންގެ މުޅި މުއައްސަސާ ޒަމާނަށް ފެތެން ޖެހޭކަން ފާހަގަކޮށް ހަމީދު ވިދާޅުވީ އެހުރިހާ ކަމަށް ރިފޯމް ބޭނުންވާ ކަމަށެވެ.