އިސްލާމްއާބާދު (ފެބްރުއަރީ 23): ޕާކިސްތާނުން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ރަނުން ޕްލޭޓްކޮށްފައިވާ ބަޑިއެއް ހަދިޔާކޮށްފި އެވެ.

ސައުދީ ވަލީއަހުދަށް އެބަޑި ހަދިޔާ ކުރީ މިދިޔަ ހަފްތާގައި ޕާކިސްތާނަށް ވަޑައިގެންނެވުމުން އެގައުމުގެ ސެނެޓަރުންނެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެސެނެޓުން ވަނީ ވަލީއަހުދުގެ ފޮޓޯއެއް ވެސް ހަދިޔާއެއްގެ ގޮތުގައި އަރުވާފަ އެވެ.

ޕާކިސްތާނުން ވަލީއަހުދަށް ބަޑިއެއް އަރުވާފައި ވަނީ، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލައާ ވަލީއަހުދާ ގުޅުމެއްވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އަމިއްލައަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅުނު ހާޝުގްޖީއަކީ ތަކުރާރުކޮށް ބިން ސަލްމާން އާއި ޝާހީ އާއިލާއަށް ފާޑު ކިޔާފައިވާ ނޫސްވެރިޔެކެވެ.

ބިން ސަލްމާން ޕާކިސްތާނަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި އެގައުމާއި ސައުދީން ވަނީ 20 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އަދި އެއަށް ފަހު ވަލީއަހުދު ވަނީ އިންޑިއާއަށް ވަޑައިގެން، ސައުދީގައި ހައްޔަރުކޮށްފައި ތިބި އެގައުމުގެ 850 މީހުން ދޫކޮށްލުމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ބިން ސަލްމާންގެ އޭޝިއާ ދަތުރުފުޅުގައި ދެން ވަޑައިގެންނެވީ ޗައިނާ އަށެވެ. އެދަތުރުފުޅުގެ ތެރެއިން ސައުދީގެ އަރަމްކޯ އިން ވަނީ 10 ބިލިއަން ޑޮލަރުގެ ޖޮއިންޓް ވެންޗާއެއްގެ ދަށުން ޗައިނާގައި ރިފައިނަރީ އެންޑް ޕެޓްރޯކެމިކަލް ކޮމްޕްލެކްސްއެއް އަޅަން އެއްބަސްވެފަ އެވެ.