މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުކުރާ ވޯޓު ކަރުދާހުގައި ހިމެނޭ ސެކިއުރިޓީ ފީޗާތަކުގެ އިތުރަށް އެ ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ ޚާއްސަ ތައްގަނޑެއް ޖަހަން ހަމަޖެހިފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އަންނަ އޭޕްރިލް މަހުގެ ހަވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވމެއްގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވޯޓު ކަރުދާހުގައިވާ ސެކިއުރިޓީ ފީޗާގެ އިތުރުން، އިތުރު ޔަގީންކުރުމެއް ހިމެނުމަށްޓަކައި ކޮންމެ ވޯޓު ކަރުދާހެއްގައި އިލެކްޝަންސް ކޮމިޝަނުން ތައްގަނޑެއް ޖަހާނެ ކަމަށެވެ.

"ކޮންމެ ވޯޓު ކަރުދާސްކޮޅެއް ދޫކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ތައްގަނޑެއް ޖަހާނެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގެ ހާއްސަ ތައްގަނޑެއް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ތައްގަނޑު ޖެހުމުގެ ބޭނުމަކީ ވޯޓު ފޮއްޓަށް ލާ ވޯޓު ކަރުދާހަކީ ސައްހަ ވޯޓު ކަރުދާހެއްކަން، ވޯޓު ފޮށި ބަލަހައްޓާ މީހާއަށް ފަސޭހައިން ޔަގީންވާނެ ގޮތެއް ހެދުން ކަމަށެވެ.

ޝަރީފް ވިދާޅުވީ މިފަދައިން ކަންތައް ކުރުމަށް ނިންމީ މިދިޔަ އިންތިހާބުގައިވެސް ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން ކަމަށެވެ.

"ވަރަށް ފަސޭހައިން ތައްގަނޑު ފެންނަން އިންނާނެތާ ދެއްތޯ ކޮންމެ ފަރާތަކަށް [ކަރުދާސްކޮޅު] ލަންބާލިކަމުގައި ވިޔަސް،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބަށް ތައްޔާރުކުރާ ވޯޓު ކަރުދާސް ޕްރިންޓުކުރުމަށްޓަކައި މި ފެށޭ ހަފްތާ ތެރޭގައި ބިޑަށް ހުށަހަޅާނެ ކަމަށެވެ.

އަދި މީގެ ކުރިން އެއްވެސް އިންތިހާބެއްގައި ރާއްޖެއިން ބޭރުން ކަރުދާސް ޗާޕުކޮށްފައިވާކަން އެނގިފައި ނުވާކަމަށާއި، މިފަހަރުގެ އިންތިހާބުގެ ވޯޓު ކަރުދާސްވެސް ރާއްޖެއިން ބޭރުން ޗާޕުކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.