23 Feb 2019, 11:30
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ 35 އަންހެނުންކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ހާމަވި އިރު، މިއަދު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލައި 403 އެޕްލިކޭޝަނެއް ކޮމިޝަނަށް ލިބުނު ކަމަށެވެ.
އެހެން ނަމަވެސް ކޮމިޝަނުން ކެންޑިޑަސީ ގަބޫލުކުރީ 395 ފަރާތެއްގެ އެޕްލިކޭޝަންކަމަށް ވިދާޅުވިއެވެ.
"އެހެންކަމުން އެއްވެސް ބޭފުޅަކު ކެންޑިޑަސީ އަނބުރާ ނުގެންދާނަމަ، އިންތިހާބުގައި ވާދަކުރާނީ 395 ބޭފުޅުން،" ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ 395 ފަރާތުގެ ތެރޭގައި ހިމެނެނީ 35 އަންހެނުންނާއި 360 ފިރިހެނުން ކަމަށެވެ.
އިންތިހާބަށް ކުރިމަތިލީ އަންހެނުންގެ ޕަސަންޓޭޖަކީ 8.73 ޕަސަންޓެވެ. އަދި ފިރިހެނުންގެ ނިސްބަތަކީ 91 ޕަސަންޓެވެ.
ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލީ އަންހެނުންގެ ޕަސަންޓޭޖު ދަށްވެފއިވާ ކަމަށެވެ.
އިންތިހާބަށް ކުރިމަތިލީ 395 ފަރާތުގެ ތެރެއިން އުމުރުން 35 އަހަރުން ދަށުގެ މީހުންގެ އަދަދަކީ 71 އެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް އަންހެނުންނާއި 63 ފިރިހެނުންނެވެ.
އިންތިހާބަށް ކުރިމަތިލީ މީހުން ބެހިގެންވާ ގޮތް:
އެމްޑީޕީ: 86 ކެންޑިޑޭޓުން
ޑީއާރުޕީ: ފަސް ކެންޑިޑޭޓުން
އަދާލަތު ޕާޓީ: ނުވަ ކެންޑިޑޭޓުން
ޖުމްހޫރީ ޕާޓީ: 41 ކެންޑިޑޭޓުން
ޕީޕީއެމް: 26 ކެންޑިޑޭޓުން
އެމްޑީއޭ: އަށް ކެންޑިޑޭޓުން
އެމްޓީޑީ: 10 ކެންޑިޑޭޓުން
ލޭބާ ޕާޓީ: ނުވަ ކެންޑިޑޭޓުން
ޕީއެންސީ: 23 ކެންޑިޑޭޓުން
އަމިއްލަ ގޮތުން: 186 ކެންޑިޑޭޓުން