ޚަރުތޫމް (ފެބްރުއަރީ 23): ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު އެގައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ހާލަތު އިއުލާން ކުރައްވައިފި އެވެ.

އިއްޔެ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ރައީސް ބަޝީރު ވަނީ ގައުމުގެ ފެޑެރަލް އަދި ސްޓޭޓް ސަރުކާރުތައް އުވާލެއްވިކަން އިއުލާން ކުރައްވައިފަ އެވެ. އަދި އޭނާ އަށް ވެރިކަމުގެ އިތުރު ދައުރަކަށް ވާދަ ކުރެވޭނެ އިސްލާހެއް ފާސް ކުރުން ޕާލިމެންޓުން ލަސް ކުރަން ގޮވާލައްވައިފަ އެވެ.

ސޫދާންގެ ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު ޕާނެއްގެ އަގު އެއް ސޫދަނީސް ޕައުންޑުން ތިން ޕައުންޑަށް (0.02 ޑޮލަރުން 0.06 ޑޮލަރަށް) މަތި ކުރި ފަހުން އެ ގައުމުގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ. އަދި މުޒަހަރާގެ ބައިވެރިން ދަނީ 1989ގައި ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވި ބަޝީރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އެމުޒާހަރާތަކުގައި މިހާތަނަށް 57 މީހުން ވަނީ މަރުވެފަ އެވެ.

އަދި ބަޝީރު އިއްޔެ ދެއްވި ހިތާބުގައި ވަނީ "ރައްޔިތުން ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލުމަކީ ގާނޫނު ތަންދޭ ކަމެއް ނަމަވެސް ބައެއް މީހުން މުޒާހަރާ ކުރަމުން ދަނީ ގައުމުގައި ހަމަނުޖެހުން އުފައްދަން" ކަމަށް ވިދާޅުވެފަ އެވެ.

އެހިތާބަށް ފަހު ރައީސް ބަޝީރު ވަނީ ހުރިހާ ސްޓޭޓެއްގެ ގަވަރުނަރުންނަށް ސިފައިން އައްޔަން ކުރައްވާފަ އެވެ. އަދި ކުރިން އުވާލެއްވި ކެބިނެޓުގެ ބައެއް މެމްބަރުންނަށް އަދި ވެސް މަގާމުގައި ތިބެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ބަޝީރުގެ ދައުރު އަންނަ އަހަރު ނިމޭނެ އެވެ. އަދި ގައުމުގެ ގާނޫނު އަސާސީއަށް ބަދަލު ނުގެންނަ ނަމަ އޭނާއަށް އިތުރު ދައުރަކަށް ވާދަ ނުކުރެވޭނެ އެވެ.