23 Feb 2019, 09:57
ވިއެނާ (ފެބްރުއަރީ 23) : ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ސޮއިކޮށްފައިވާ ނިއުކްލިޔާ އެއްބަސްވުމަށް އީރާނުން އިޙްތިރާމް ކުރާ ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފި އެވެ.
އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެއިދާރާއިން ނެރުނު އެންމެ ފަހުގެ ރިޕޯޓްގައި ބުނެފައި ވަނީ ނިއުކްލިޔާ އެއްބަސްވުމުގައިވާ ގޮތަށް އީރާން އަމަލު ކުރަމުން ގެންދާކަމަށާއި އެއާ ޚިލާފު ނިއުކްލިޔާ ހަރަކާތެއް އީރާނުން ކުރިޔަށް ނުގެންދާ ކަމުގަ އެވެ. އަދި އަސްކަރީ ބޭނުންތަކަށް ނިއުކްލިޔާ ހަކަތަ ތަރައްގީ ކުރުމުގެ ހަރަކާތެއް ވެސް އީރާނުން ކުރިޔަށް ގެންދާކަމަށް ބެލެވޭފަދަ އެއްވެސް ހެއްކެތް ފެންނަން ނެތްކަމަށް އައިއޭއީއޭގެ އިނިސްޕެކްޓަރުން ނެރުނު ރިޕޯޓް ގައި ބުނެފައިވެ އެވެ.
އެމެރިކާގެ ޖާސޫސީ ކަންތައްތަކާ ބެހޭ މަރުކަޒީ އިދާރާގެ ވެރިޔާ ޖެނާ ހަސްޕެލް ވެސް ވަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ހަރަކާތެއް އީރާނުން ކުރިޔަށް ނުގެންދާ ކަމަށް ދާދިފަހުން ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. މިގޮތުން ނިއުކްލިޔާ އެއްބަސްވުމާ ޚިލާފު އަމަލެއް އީރާނުން ހިންގާފައި ނުވާކަމާއި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ މަސައްކަތެއް ވެސް އީރާނުން ނުކުރާކަމަށް ވިދާޅުވެ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ހަސްޕެލް ވަނީ އެމެރިކާގެ ސެނެޓަށް މައުލޫމާތު ދެއްވައިފަ އެވެ.
އެމެރިކާ ވަނީ މިދިޔަ އަހަރު އެކަހެރި ގޮތެއްގައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން ވަކިވެ އެމެރިކާ އެދޭގޮތަށް އެ އެއްބަސްވުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެދިފަ އެވެ. އެކަމަށް އީރާން ދެކޮޅު ހެދުމުން އެމެރިކާ ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ނަމަވެސް ޗައިނާ، ރަޝިޔާ، އިންގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުން ވަނީ އެމެރިކާއާ ނުލައިވެސް ނިއުކްލިޔާ އެއްބަސްވުން ދެމެހެއްޓުމަށް ނިންމައިފަ އެވެ.