ސަރުކާރު ބަދަލުވުމުން ފުލުހުންގެ މުއައްސަސާ މެދުވެރުކޮށް އިޖުރާއަތްތަކުން ބޭރުގައި ސިޔާސީ މީހުނަށް ބިރު ދެއްކުމަށް ހިންގާ އަމަލުތައް ހުއްޓާލަންޖެހޭކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން އެހެން ވިދާޅުވެފައި މިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ރޭ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާނެއް ނެގުމާއި ގުޅިގެންނެވެ.

ތިން ގަޑިއެއްހާއިރު ފުލުސް އޮފީހުގައި ހޭދަކުރުމަށްފަހު ނުކުމެ ވަޑައިގަތް ނިހާން ވިދާޅުވީ، ކުށެއްގެ ތުހުމަތުގައި މީހަކު ހާޒިރުވާން ފުލުހުން އަންގައިފިނަމަ އެކަމަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި އެގޮތުން ޕީޕީއެމް ކޯލިޝަނުން އަބަދުވެސް ފުލުހުންނަށް އެއްބާރުލުން ދިނުން މަތީ ދެމި ހުންނާނެ ކަމަށެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމުން ސިޔާސީ ގޮތުން ޖެއްސުން ކުރުން ހުއްޓާލަން ޖެހޭކަން ނިހާން ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސިޔާސީ ވެރިން ކޮންމެ ސަރުކާރެއް ބަދަލުވުމާއި އެކުގައި ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ސިޔާސީ މީހުނަށް އެކި ކަހަލަ އިޖުރާއަތްތަކުން ބޭރުގައި އެކި ކަހަލަ ގޮތް ގޮތަށް ބިރު ދެއްކުމަށް މި ހިންގާ އަމުލަތައް މީ މިގައުމުން ހުއްޓާލަން ޖެހޭ ކަމެއް،" ވިލިމާލެ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނިހާން ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ބިރު ދެއްކުން ހުއްޓާލަން ޖެހެނީ ގައުމުގެ މާދަމާގެ މުސްތަގުބަލައްޓަކައި އިތުބާރު އުފެދިފައި ހުރި މުއައްސަސާގެ ބޭނުމަށްޓަކައި ކަމަށް ނިހާން ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ކިތަންމެ ބިރެއް ދެއްކި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް ނިހާން ވިދާޅުވިއެވެ. އަދި އަބަދުވެސް ގައުމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރު ބަދަލުވުމުން، ތާކުތާކު ނެޖެހޭ ގޮތެއްގައި ކުރީ ސަރުކާރުގެ އިސްވެރިންގެ މައްސަލަތަކެއް ބެލުމާއި ދެކޮޅަށް ނިހާން ވާހަކަ ދައްކަވާފައިވާއިރު މިދިޔަ ސަރުކާރުގައި ހަމަ އެގޮތަށް އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލާފައިވާ ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ނިހާން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އެމަނަކިފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގަލެއް ލީ މައްސަލާގައެވެ.

އެ މައްސަލާގައި ނިހާންގެ މައްޗަށް ކުރާ ތުހުމަތަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ. އެކަމާ ގުޅިގެން ނިހާން ވިދާޅުވެފައިވަނީ ފުލުހުންގެ ވެހިކަލްގެ ފުރޮޅަކާ ދިމާލަށް ގާބުރިއެއް ލީ ފުލުހުންނަށް ހުރަސް އެޅުމަށް ނޫން ކަމަށާއި އެއީ ބަޔަކަށް ނުވަތަ މީހަކަށް ގެއްލުމެއް ވެދާނެތީ ކުރެއްވި ކަމެއް ކަމަށެވެ.