23 Feb 2019, 01:56
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާނެއް ނަގައިފި އެވެ.
މިރޭ 8:30 ގައި ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުކުރި ނިހާން އެތަނުން ނިކުމެވަޑައިގަތީ 11:04 އެހައިކަންހާއިރުއެވެ.
ފުލުސް އޮފީހުން ނިކުމެވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ، ފުލުހުންގެ ތަހުގީގަކަށް ބަޔާން ދިނުމަށް އެދިއްޖެ ނަމަ ކޮންމެ މީހަކު ވެސް އެއްބާރުލުން ދެއްވަން ޖެހޭނެ ކަމަށާއި އެގޮތުގެ މަތިން އޭނާ ވެސް ހާޒިރުވެ ފުލުހުން އެދިވަޑައިގަތް މައުލޫމާތު ދެއްވި ކަމަށެވެ.
"އިތުރަށް ހާޒިރުވާން ޖެހޭ ކަމަކަށް އަދި ނާންގާ. އަޅުގަނޑާ ކުރި ސުވާލަށް އަޅުގަނޑު މިވަނީ ޖަވާބު ދީފައި،" ނިހާން ވިދާޅުވި އެވެ.
ނިހާން ފުލުސް އޮފީހަށް ހާޒިރު ކުރި ކޯއްވެތޯ ނޫސްވެރިން ސުވާލު ކުރި ނަމަވެސް އެ މައްސަލައަކީ ފުލުހުންގެ 'ނޯޓް' ގައިވާ މައްސަލައެއް ކަމަށް ވާތީ ކަމަށް ވިދާޅުވެ ސީދާ ސަބަބު ހާމައެއް ނުކުރެއްވި އެވެ. އަދި ވިދާޅުވީ، ދިވެހި ފުލުހުންނަށް އެއްވެސް ރައްޔިތެއްގެ ފަރާތުން އެއްބާރުލުން ލިބޭ ނަމަ އެ މީހަކަށް އޭނާ ވާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ނިހާން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އެމަނަކިފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގަލެއް ލީ މައްސަލާގަ އެވެ.
އެ މައްސަލާގައި ނިހާންގެ މައްޗަށް ކުރާ ތުހުމަތަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ. އެކަމާ ގުޅިގެން ނިހާން ވިދާޅުވެފައިވަނީ ފުލުހުންގެ ވެހިކަލްގެ ފުރޮޅަކާ ދިމާލަށް ގާބުރިއެއް ލީ ފުލުހުންނަށް ހުރަސް އެޅުމަށް ނޫން ކަމަށާއި އެއީ ބަޔަކަށް ނުވަތަ މީހަކަށް ގެއްލުމެއް ވެދާނެތީ ކުރެއްވި ކަމެއް ކަމަށެވެ.