ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރާ މޯލްޑިވަސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އަށް އެމަނިކުފާނާއި އަނބިކަބަލުން ނަސްރީނާ އިބްރާހިމް މިރޭ ސޮއި ކުރައްވައިފި އެވެ.

މޯލްޑިވިސް ރިފޯމް މޫވްމެންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ރައީސް މައުމޫންގެ އަރިސް ބޭފުޅެއް ކަމަށްވާ، މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނަށެވެ.

އެމްއާރުއެމް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ 'ސަން' އަށް ވިދާޅުވީ، ރައީސް މައުމޫނާއި އަނބިކަބަލުން ނަސްރީނާ އެމްއާރުމްއަށް ސޮއި ކުރެއްވީ މިރޭ މ. އެންދެރިމާގޭގައި ހުންނަ އެ ޕާޓީގެ ޖަގަހައިގަ އެވެ. ރައީސް މައުމޫނާއި ނަސްރީނާއާ އެކު ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބައެއް ބޭފުޅުން ވެސް މިރޭ އެ ޕާޓީއާ ގުޅުވަޑައިގަތް ކަމަށް ނާދިރާ ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި އުމަރު ޒާހިރު ވެސް ވަނީ މިރޭ އެމްއާރުއެމަށް ސޮއި ކުރައްވާފައި --- ފޮޓޯ: އެމްއާރުއެމް

"އަޅުގަނޑުމެން މިވަގުތު އެންމެ އިސްކަމެއް ދީގެން ތައްޔާރު ވަމުން މިދަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް. ދެން އެކަމުގެ ތެރެއިން މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުން މި އަންނަނީ،" ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި މައުމޫންގެ ތާއިދާއި އެކު ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ނާދިރާ ވިދާޅުވި އެވެ.

މީގެ ކުރިންވެސް މައުމޫން އިސްކޮށް ހުންނަވައިގެން ދެ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ. އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުޕީ އެވެ. ޑީއާރުޕީން ވަކިވެ ވަޑައިގަތީ އޭރު އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި އަހްމަދު ތަސްމީން އާލީ އާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. އަދި ކޮށްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހިޔާލު ތަފާތުވެ. އެމްޑީޕީއާ އެކު މައުމޫން އެއްބަސްވުމެއްގައި ސޮއި ކުރެއްވުމުން އެމަނިކުފާނު ވަނީ އެ ޕާޓީން ވަކިކޮށްފައެވެ.